logo

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހު

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމު މަގާމުން ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ކޮންގްރެސް ޕާޓީން ނިންމާފައިވާއިރު، ނާޒިމް ވަކިކުރުމަށް ބޭނުންވާ ސޮއި ހަމަކުރުމަށްފަހު އެކަން ހުށަހަޅާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ޕީއެންސީން ވަނީ ނާޒިމް މަގާމުން ވަކިކުރުމަށް 72 މެމްބަރުންގެ ސޮއި ހޯދާފައެވެ.

ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެއެވެ. އަދި، ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނައިބު ރައީސަށް ދޭންޖެހޭނެއެވެ.

މިދިޔަ ބުދަދުވަހު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި، ވަނީ ނާޒިމް ވަކިކުރުމުގެ ޖަލްސާ ކުރިއަށްގެންދާނޭގޮތް ކަނޑައަޅާފައެވެ. އެގޮތުން މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރަން މެންބަރުންނަށް 50 މިނެޓް އަދި ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓް ދޭން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފަ އެވެ.

ނާޒިމްގެ މައްޗަށް ދެ ތުހުމަތެއް ކުރެއެވެ. އެއީ ފިތުނަ އުފެއްދުމާއި މަސްލަހަތު ނަގާލުމުގެ ތުހުމަތެވެ. އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަކީ މި ދައުރުގެ އެންމެ ފަހު ޖަލްސާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ނައިބް ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު އެވެ. މަޖިލީހުގެ ނައިބް ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓު ދެއްވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި މަޖިލީހުގެ ނައިބް ރައީސް ކަމަށް ނާޒިމު ހޮވީ28 މެއި 2024 ގައެވެ. މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ސިޔާސީ ތަޖުރިބާ އެންމެ ބޮޑު ބޭފުޅުންގެ ތެރޭގައި ހިމެނޭ ނާޒިމަކީ 17 ވަނަ ރައްޔިތުގެ މަޖިލީހުގައިވެސް ނައިބް ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

ad