ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސަކު އިންތިހާބު ކުރަން މިއަދު އިތުރު ޖަލްސާއެއް ބާއްވަން ތާވަލުކޮށްފި އެވެ.
މި ޖަލްސާ ބާއްވަން ނިންމާފައިވަނީ މެންދުރު އެކެއް ޖަހާއިރު އެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު އިސްތިއުފާ ދެއްވިކަން އިއުލާނު ކުރައްވާފަ އެވެ. އެހެންކަމުން، އެ މައްސަލަ ނިމުނީކަން އިއުލާނުކުރައްވައި މިއަދު ހެނދުނުގެ މަޖިލީހުގެ ޖަލްސާ ވަނީ ކުރުކޮށްލާފައެވެ.
ނާޒިމްގެ މައްޗަށް ދެ ތުހުމަތެއް ކުރެއެވެ. އެއީ ފިތުނަ އުފެއްދުމާއި މަސްލަހަތު ނަގާލުމުގެ ތުހުމަތެވެ.
މަގާމުން އިސްތިއުފާ ދެއްވައި ފޮނުއްވި ސިޓީގައި ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
އެގޮތުން ވިދާޅުވީ، ނާޒިމް މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ޤަރާރުގައި ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް އެ ޤަރާރުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
އަދި މިހާތަނަށްވެސް މަޖިލީހުގެ ނައިބުރައީސްގެ ހައިސިއްޔަތުން ނުވަތަ މެމްބަރެއްގެ ހައިސިއްޔަތުންވިއަސް ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެމްބަރަކު ނުވަތަ އެހެންވެސް ފަރާތަކުން ޤާނޫނުއަސާސީއާއި ނުވަތަ މަޖިލީހުގެ ޤަވާއިދާ ޚިލާފުވެއްޖެކަމުގެ ޝަކުވާއެއް އުފުލާފައި ނުވާ ކަމަށެވެ. އެހެންކަމުން، މިހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ކަންތައްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، އިސްތިއުފާ ދެއްވަނީ ތުހުމަތުތައް ތެދުކަމަށްވާތީ ނޫން ކަމަށެވެ. އެހެނެއްކަމަކު، އިންތިހާބީ މަގާމަށް ވޯޓުލީ ގިނަ މެމްބަރުންތަކެއް އޭނާ ވަކިކުރަން ހުށަހެޅުމުން އިސްތިއުފާ ދެއްވުމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތީން އެންމެ ތަހުޒީބީ ގޮތް ކަމަށް ވާތީ ކަމަށެވެ.

.jpg&w=3840&q=75)