logo

އެސްޓީއޯއިން ފިޔާ ކިލޯއެއް 10 ރުފިޔާއަށް އަދި އަލުވި ކިލޯއެއް 12 ރުފިޔާއަށް ދަށްކޮށްފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގުތަކަށް މިއަދުން ފެށިގެން ބަދަލުގެނެސްފިއެވެ.

އެސްޓީއޯ އިން ބުނީ މި ބަދަލަކީ ރޯދަމަހު އާންމުކޮށް ބޭނުންކުރާ މިފަދަ ތަކެތީގެ އަގުތައް ކުޑަކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަށާއި، ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް އެސްޓީއޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ އިން އަގުތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު، ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 250 ރުފިޔާއިން 190 ރުފިޔާއަށް ވަނީ ތިރިވެފައެވެ.

އަލުވީގެ އަގަށް ގެނައި ބަދަލާއެކު، ކުރިން 14 ރުފިޔާއަށް ލިބުނު ކިލޯއެއް މިހާރު ލިބޭނީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ވަނީ 300 ރުފިޔާއިން 160 ރުފިޔާއަށް ބޮޑުތަނުން ހެޔޮކޮށްފައެވެ.

އެސްޓީއޯއިން އެތެރެކުރާ އަސާއީ ކާބޯތަކެތީގެ ބާވަތްތައް އާންމުންނަށް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުންނެވެ. ހަމައެއާއެކު، ގަނޑުކޮށް މި ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން އެ ތަކެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ad