logo

މާފުށީގައި އައު ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ކ. މާފުށީގައި އައު ނަރުދަމާ ނިޒާމު ގާއިމުކުރުމާއި އެ ރަށު ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެކަމަށްޓަކައި މިދިޔަ އަންގާރަ ދުވަހު މާފުށީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ޑރ. ޢަބްދުﷲ މުއްތަލިބެވެ.

މާފުށީގައި އައު ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން އައު ނަރުދަމާ ނިޒާމެއް ޤާއިމުކުރުމާއި، ނަރުދަމާ ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އަދި ނަރުދަމާ އައުޓް ފޯލް އެއް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

12 ފެބުރުވަރީ 2026ގައި މި މަޝްރޫޢު އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވަނީ 57,402,888.14 ރުފިޔާއަށް 571 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މާފުށީ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ އެ ރަށު ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ހޮޅި އެޅުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަން ބެހެއްޓުމާއި، އައުޓް ފޯލް އެޅުމާއި އަދި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ ވަރުގެ 02 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، 3500 ޓަނުގެ ފެން ރައްކާ ކުރެވޭ ވަރުގެ 02 ޓޭންކު ބެހެއްޓުމާއި، ފެން މީޓަރުތައް ބަހެއްޓުމާއި، އައުޓްފޯލް އެޅުމުގެ އިތުރުން މި މަޝްރޫޢު ނިންމުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.

571 ދުވަހުގެ ތެރޭގައި ނިންމުމަށް 12 ފެބުރުވަރީ 2026ގައި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 128،605،793.86 ރުފިޔާގެ މަޝްރޫޢެކެވެ.

ad