logo

ރާއްޖެގެ ފެހިކަން އިތުރުކުރުމަށް ފަރުދީ ޒިންމާ އިސްކުރުން މުހިންމު: ރައީސް

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ރާއްޖޭގައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖެ ފެހިކުރުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ފާހަގަކޮށްލެވޭ ކޮންމެވެސް އެއް ދާއިރާއަކަށް ހާއްސަ ކޮށްގެން ގެނެސްދޭ "ދަ ޕަލްސް"ގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖެ ފެހިކުރުމުގެ މަސައްކަތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ފެހިކަން އިތުރުކޮށް މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ރައީސް ގޮވާލެއްވިއެވެ.

ވަކިން ހާއްސަކޮށް ރާއްޖެ ފެހިކުރުމުގެ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ މާލެ އާއި ސިޓީތަކާއި ބައެއް ރަށްރަށުގައި ގަސް މަދުއިރު، ބައެއް ރަށްރަށުގައި އެންމެ ފެހިކުރަން ބޭނުންވާ ސަރަހައްދުތަކުގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކާ ހެދި ގަހެއް ނުހުންނަ ކަމަށެވެ. އެހެންވެ، ވަރަށް ގިނައިން ގަސް އިންދަން ޖެހޭ ކަމަށާއި އެއީ ހާސިލް ނުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ވެސް ފެހިކަން އިތުރު ކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ، ރާއްޖޭގައި މިހާތަނަށް ކުރިޔަށްގެންދާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމެވެ. މިއީ، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި، އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. މިޕްރޮގްރާމްގެ ދަށުން މިހާތަނަށް ވަނީ 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދާފައެވެ.

މި ޕްރޮގްރާމުގައި ބޮޑަށް އިސްކަން ދެއްވާފައިވަނީ، ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާ ކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އިންދުމަށް ހަމަޖެހިފައިވެއެވެ.

ad