logo

ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިތުރުކޮށް، ނޫސްވެރިކަމުގެ މައިގަނޑު މަބްދައުތައް ނެގެހެއްޓުމުގެ މަތީގައި ދެމިތިބުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް، ނޫސްވެރިންނަށް ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ޒިނޭ ގެ ތުހުމަތުކޮށް އަދަދު ނޫހުން ގެނައި ޑޮކިއުމެންޓްރީ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށުމާއި ގުޅިގެންނެވެ.

އަހުލާގީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމުން، މައުލޫމާތުގެ ފެންވަރާއި ސައްހަކަން ކަށަވަރުކޮށްދީ، ދެފުށްފެންނަ އަދި ޖަވާބުދާރީވެވޭ އުސޫލުތައް ކުރިއަރުވައި، ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓަންޖެހޭނޭކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

އަދި ނޫސްވެރިކަމުގައި އަޚުލާޤީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ، ދޮގު މައުލޫމާތު އާންމުވެ، ގެއްލުންދެނިވި ކަންކަން އިތުރުވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރީންނަށް ބަރޯސާވާ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެން ހިނގައިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، މަޢުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށާއި، ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކުގައި ސާބިތުވެ ތިބުމަށް ހުރިހާ ނޫސްވެރިންނަށް ނައިބު ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ނޫސްވެރިކަމުގެ އަހުލާގީ ހަމަތައް ދޫކޮށްލުމަކީ، އޭގެ ސަބަބުން ދޮގު މަޢުލޫމާތު ފެތުރި، ލިބޭ ގެއްލުންތައް ބޮޑުވެ، ނޫސްވެރިންގެ ފަރާތުން ސައްޙަ މަޢުލޫމާތު ލިބޭނެކަމަށް އިތުބާރުކުރާ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ހަމަނުޖެހުން އުފެދިގެންދާނެ ކަމެއް" ނައިބު ރައީސް ވިދާޅުވިއެވެ.

ad