ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ނިންމި ގޮތް ބަލައިގަނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަކީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ފަރިތަ ޑިމޮކްރަސީއަށް ލޯބިކުރައްވާ ވެރިއެއް ކަމަށް ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މެންބަރު ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑު ގާތުން އައްސަވާ،ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ލޯބިކުރައްވާ އަދި އެކަން އަމަލުން ދައްކަވަމުން ގެންދަވާ ވެރިއެއް ކަމަށެވެ.
ރައީސް މުއިއްޒަކީ ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަށް ފަރިތަ ޑިމޮކްރަސީއަށް ލޯބިކުރައްވާ ވެރިއެއްކަމަށް ޝުޖާއު ވިދާޅުވި އެވެ.
އަދި މިއަދު ރައީސް ދައްކަވާދެއްވި ރިވެތި ނަމޫނާއިން، ރައީސް ރައްޔިތުންނަށް ކުރާ އިޚްތިރާމާއި ލޯބި ދައްކުވައި ދީފައިވާކަމަށް މެންބަރު ޝުޖާއު ވިދާޅުވި އެވެ.
ރައީސްގެ ސިޔާސަތައް ފުރިހަމައަށް ތާޢިދުކުރައްވާކަން ހާމަކުރައްވައި މެމްބަރު ވަނީ ރައްޔިތުންގެ ފަޅީގައި ރައީސް ކުރައްވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.
އިއްޔެ ކުރިއަށްދިޔަ އިންތިހަބުތަކާ ގުޅިގެން ރައީސް މުއިއްޒު ރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށެވެ.
