ރާއްޖޭގެ 42 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް، ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރތައް، ޤާއިމުކުރުމަށާއި އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް، ލިޓަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުންނާއި ލިޓަސް ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކުންފުނީގެ އިސްވެރިން ވަނީ ސޮއިކުރައްވާފައެވެ.
މި މަޝްރޫޢުގެ ދަށުން ކަނޑައެޅިފައިވާ 42 ރަށުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖުކުރާ މަރުކަޒުތައް އިމާރާތްކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށާއި ވަސީލަތްތައް އަލުން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ އެންމެހައި މެޝިނަރީތަކާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ އަދި ތިމާވެއްޓާ ރައްޓެހި ޙައްލެއް ހޯދައިދިނުމާއި، ރަށްރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލްތަކަށް އެހީތެރިވެދިނުމެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގެ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

