logo

ޑޮލަރުގެ އަގު ބޮޑުވާ މައްސަލައިގައި މިނިސްޓަރ މުޙައްމަދު ސައީދު ޖަވާބެއް ނުދެއްވި

މަރްޔަމް
15 ގަޑިއިރު ކުރިން
މިނިސްޓަރ މުޙައްމަދު ސަޢީދު

މިނިސްޓަރ މުޙައްމަދު ސަޢީދު

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 23ރ. އިން މައްޗަށް އުފުލި، އާންމުންނާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާއިރު، އެ މައްސަލައިގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ޖަވާބެއް ދެއްވަން އިންކާރު ކުރައްވައިފި އެވެ.

ރަސްމާލެ ވިއްކާލާ ބިލާއި ރާއްޖޭގައި ބިދޭސީން ވަޒަންވެރިކުރުވުމަށް މަގުފަހިކުރާ ގޮތަށް ހުށަހަޅާފައިވާ އިމިގްރޭޝަން ބިލާއި އަބުރާ ރައްކާތެރިކުރުމުގައި ހިޔާލުފާޅުކުރުން ބަންދުކުރަން ހުށަހަޅާފައިވާ ބިލް އަދި މަރުގެ އަދަބު ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި މިނިސްޓަރު ސަޢީދުގެ އިތުރުން އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރޭ ވަނީ މަޖިލީހުގެ އިދާރާއަށް ވަޑައިގެން ޕީއެންސީގެ މެންބަރުންނާ ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު ނުކުންނެވި ވަގުތު، ޑޮލަރުގެ އަގު ކޮންޓްރޯލް ނުވެ މައްޗަށް ދާ މައްސަލައިގައި ނޫސްވެރިޔަކު ސަޢީދުއާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދެއްވި އެވެ.

މިހާރު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ 23ރ. އިން މަތީގަ އެވެ. މިދިޔަ ހަފުތާގައި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ވަނީ ޑޮލަރުގެ އަގު 23.55 ރ. އަށް އުފުލިފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރެއްގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.

މިދިޔަ އޯގަސްޓު މަސް ތެރޭގައި ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރ. އަށް އެރި ދުވަސްވަރު، މިނިސްޓަރު ސަޢީދު ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު އުފުލެނީ ނޫސްތަކުގައި އެ ވާހަކަ ލިޔާތީ ކަމަށެވެ. އެގޮތަށް ބުނެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް މީޑިއާތަކުގައި ރިޕޯޓުކުރުން ވެސް އޭރު މަނާކުރި އެވެ.

މީޑިއާތަކުގައި ޑޮލަރުގެ އަގު އުފުލޭ ވާހަކަ ގެނެސްދިނުން ހުއްޓުވުމަށް ފިޔަވަޅު އެޅި ނަމަވެސް، ޑޮލަރުގެ އަގު ތިރިވުމުގެ ބަދަލުގައި ވޭތުވެދިޔަ ދުވަސްތަކުގައި ދިޔައީ ދުވަހެއް ދުވަހަކަށް އަގު އުފުލެމުންނެވެ.

ޑޮލަރުގެ މައްސަލައިގައި ސަރުކާރުގެ ފަރާތުން އެންމެ ގިނައިން ވާހަކަ ދައްކަވާފައިވާ އެއް ބޭފުޅަކީ މިނިސްޓަރު ސައީދު އެވެ. ނަމަވެސް ޑޮލަރު އަގު ބޮޑުވެ މުދަލުގެ އަގު އުފުލެމުންދާ މައްސަލައިގައި ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރު ކުރުމުން އެކަމަށް ޖަވާބު ދެއްވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެ ތަކެތީގެ އަގު އުފުލެމުންދާ މައްސަލައިގެ ޒިންމާ ނަގަންޖެހޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަމަށެވެ.

ad