logo

މަރުގެ އަދަބު ތަންފީޒު ނުކުރެވި އޮތީ ގާނޫނެއް ނެތިގެނެއް ނޫން، ވެރިންނަށް އެކަން ކުރަން ނުކެރެނީ: މައުރޫފް

މަރްޔަމް
14 ގަޑިއިރު ކުރިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި 1954 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް މަރުގެ އަދަބު ތަންފީޒު ނުކުރެވި އޮތީ އެކަމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ނެތިގެނެއް ނޫން ކަމަށާއި، ހަގީގީ މައްސަލައަކީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެކަން ކުރަން ކެރިވަޑައިނުގަތުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތުތައް ބަޔާންކުރާ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގައި ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަންކަން، ހާއްސަކޮށް ގިސާސް ހިފުމާ މެދު އިތުރު ބަހުސެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި، ކޮންމެ ސަރުކާރަކުން ވެސް ދައުރުގެ ފަހުކޮޅަށް އައުމުން މަރަށް މަރު ހިފުމުގެ ވާހަކަ ދައްކަނީ ގައުމުގައި ތިބި ދީނީ އިލްމުވެރިންގެ ރުހުމާއި ލޯބި ހޯދުމުގެ ސިޔާސީ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރީގެ ސަރުކާރެއްގައި ވެސް ހަމަ މާދަމާނުން އަނެއް ދުވަހު މީހަކު މަރާލާފާނެހެން ހިސާބަށް ކަންތައް ގެންދިޔަ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެ ހުކުމް ގުރުއާނުގައި އޮތް ގޮތަށް، ދީނުގައި އޮތް ގޮތަށް ތަންފީޒު ކުރެވުނު ތަނެއް ފެނިގެނެއް ނުދިޔަ،" މައުރޫފް ވިދާޅުވި އެވެ.


"އެހެންވީމާ، އަޅުގަނޑަކަށެއް މިހާރު ވެސް މި އުޅެނީ ހަމަ ހަގީގަތުގައި ހެޔޮ ނިޔަތުގައި އެކަން ކުރަންތޯ އާއި މެދު ޔަގީންކަމެއް ދެންނަވާކަށެއް ނެތް."

މައުރޫފް ވިދާޅުވީ، ހެޔޮ ނިޔަތުގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރާނަމަ، ހަމައެކަނި މަރުގެ ހުކުމަށް ނުބަލައި، ގުރުއާނާއި ސުންނަތުން ސާބިތުވާ ގޮތަށް ރަޖަމްކުރުމާއި ވައްކަންކުރާ މީހުންގެ އަތްކެނޑުން ފަދަ ހުރިހާ ހައްދެއް ވެސް ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ.

"އާންމު ގޮތެއްގައި މަރަށް މަރުހިފުމުގެ ވާހަކަ ދައުރުގެ ފަހުކޮޅަށް އައިމާ ދައްކާ އުޅޭ. އެ ވާހަކަ އާންމުކޮށް ދައްކަނީ ގައުމުގައި ތިބޭ ދީނީ އިލްމުވެރިންގެ ރުހުން ކަންކަމުގައި ހޯދަން ބޭނުންވީމާ. އެ ބޭފުޅުންގެ ލޯބި އެ ސަރުކާރަކަށް ހޯދުމަށްޓަކައި ދައްކާ ވާހަކައެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

މިގޮތުން ވެރިން ރުއްސުމަށްޓަކައި މީގެ ކުރިން ކޯޓުތަކުން ބޮޑެތި ހުކުމްތައް ކުރުމަށްފަހު، ހަމަ އެ ފަނޑިޔާރުން ތިއްބަވައިގެން އެ ހުކުމްތައް ބަދަލުކޮށްފައިވާތީ، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އޮތީ އިންސާފުވެރިކޮށް މިފަދަ ހުކުމެއް ތަންފީޒުކުރެވޭ ފަދަ ހާލަތެއްގައިތޯ މައުރޫފް ސުވާލު އުފެއްދެވި އެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ބެލެހެއްޓުމަށް،ފަތުވާ މަޖިލީހާއި ޕީޖީ އޮފީސް ހިމެނޭހެން ހަތް މެންބަރުންގެ ޕެނަލެއް އުފައްދަން ޖެހެ އެވެ. ނަމަވެސް އެ ޕެނަލުގައި ހިމެނޭ މަޖިލިސް މެންބަރަކު އެ މައްސަލައަކާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކައިފި ނަމަ ޕެނަލުން ވަކިވާ ގޮތަށް އޮތުމަކީ މެންބަރުންގެ ބައިވެރިވުން ހަނިކުރާ ކަމެއް ކަމަށް މައުރޫފް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭނީ ޝަރުއީ އެންމެ މަތީ މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ނިހާއީ ހުކުމެއް އިއްވުމުންނެވެ. އަދި ތަހުގީގު ފެށުނީއްސުރެ ޝަރީއަތް ނިމެންދެން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފުރިހަމައަށް ލިބިފައިނުވާނަމަ، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ.

ad