logo

ގެދޮރުވެރިކަމަށް މިހާތަނަށް 245 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

ހިޔާވަހި ފައިނޭންސިން ސްކީމުގެ ދަށުން، މިހާތަނަށް 245 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 244 ފަރާތެއްގެ އިކުއިޓީ ވަނީ ހަމަޖައްސައިދީފައެވެއެވެ. އެހެންކަމުން މިހާތަނަށް 840 ފަރާތަކަށް ފައިސާ ދޫކުރުމުގެ އިދާރީ މަރުހަލާތައް ފުރިހަމަކުރުމަށްޓަކައި މިހާރު ވަނީ ކަމާގުޅޭ ބޭންކުތަކަށް ފޮނުވާފައެވެ.

ހިޔާވަހި ސްކީމް އަކީ ގެދޮރު އިމާރާތްކުރުމަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފުކުރި ސްކީމް އެކެވެ.

"ހިޔާވަހި" ފައިނޭންސިން ސްކީމްގެ ޕާޓްނަރުންނަކީ ބޭންކް އޯފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ.

މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ހުޅުވާލި މި ސްކީމަކީ އިސްލާމިކް ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ދޭ ލޯނެކެވެ.

މި ޕްރޮގްރާމަށް ރާއްޖޭގެ އަތޮޅުތަކުން އެދި ހުށަހަޅުއްވާ ފަރާތްތަކަށް "ރަށްވެހި ފައިނޭންސިންގ ސްކީމް"ގެ ދަށުން 1 މިލިއަން ރުފިޔާ، މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އަރބަން ސެންޓަރތަކުން "ސަހަރު ފައިނޭންސިންގ ސްކީމް"އަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ އަދި މާލެ ސަރަޙައްދަށް ޚާއްޞަ "ފަހިމާލެ ފައިނޭންސިން ސްކީމް"އަށް 6 މިލިއަން ރުފިޔާއާހަމައަށް ލޯނަަށް އެދެވޭނެއެވެ.

މާލެ ސަރަޙައްދަށް ހުލުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާގެ ލޯނަށް އެދެވޭގޮތަށް އުސޫލު ވެސް ވަނީ އެކުލަވާލާފައެވެ.
އަރބަން ސެންޓަރު ނުވަތަ ސަހަރުގެ ގޮތުގައި 26 ރަށެއް ސަރުކާރުން ވަނީ ކަނޑަޅާފައެވެ. އެ ރަށްތަކުގެ ތަފްސީލް ގެޒެޓުގައި ކުރި އިޢުލާނާއެކު ވަނީ ހިމަނާފައެވެ.

ހިޔާވެހި ފައިނޭންސިން ސްކީމްގެދަށުން ލޯނު ހަމަޖެއްސުމަށް އަންނަ އަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. 1 ބިލިޔަން ރުފިޔާ ސަރުކާރުން ބޭންކުތަކަށް މި ސްކީމަށް އިންވެސްޓްކުރިނަމަވެސް، ބޭންކުތަކުން ލޯނު ދޫކުރާއިރު ޖުމްލަ 2 ބިލިޔަނާ ހަމައަށް ލޯނު ދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ހުރިހާ ލޯނެއްވެސް ދޫކުރަނީ %5 އިންޓްރެސްޓް ރޭޓުގައި 25 އަހަރުން އަނބުރާ ދައްކާގޮތަށެވެ.
މި ޕްރޮގުރާމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ސުވާލު ހުށަހަޅައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ހިޔާވެހި ލޯނު ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ލޯނު ސްކީމެވެ.

ad