logo

ރަތްމަޑި ފެނުމުން އައްޑު އަތޮޅުން ރުއް ބޭރުކުރުން މަނާކޮށްފި

ދިޔާމާ އިބްރާހިމް
2 ގަޑިއިރު ކުރިން

ރަތް މަޑި ނުވަތަ ރެޑް ޕާމް ވީވީލް އައްޑު އަތޮޅުގެ ބައެއް ރުއްތަކުން ފެނި، އެ އަތޮޅުން ރުއް ބޭރުކުރުން، ވަގުތީގޮތުން އެގްރިކަލްޗާ މިނިސްޓްރީން މަނާކޮށްފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އައްޑޫގެ ބައެއް ރަށްތަކުން މިމަޑި ފެނިފައިވާ ކަމަށާއި، މި ސޫފި ފެތުރުން ހުއްޓުވުމަށް ޓަކައި އަވަހަށް މަޑިއުޅޭ ރުއްތައް ދެނެގަތުމާއި ގަވާއިދުން މަޑިން ދޭ ގެއްލުން ދެނެގަތުމަށް ރުއްތައް ބަލައި ފާސްކުރުމާއި އަވަހަށް މި މަޑި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ.

އަދި ގަސްގަހާގެހި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އައްޑުއަތޮޅުން ރުއް ބޭރުކުރުން މި ވަގުތަށް މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަޑި ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރުމަށް ވާން ޖެހޭ ތައްޔާރީތައްވަމުންދާ މިހާރު ކުރަމުން ދާ ކަމަށެވެ. އެގޮތުން މަޑި އުޅޭ ރަށްރަށުގެ ރުއްތަކުގައި ސޫފި މަރާ އިންސެކްޓިސައިޑެއް ބޭނުންކުރަމުންދާ ކަމަށާއި، އިތުރު ދެމެހެއްޓެނިވި ފިޔަވަޅުތައް އެޅުމަށް ޕެރޮމޯން ޓްރެޕްސް ބޭނުންކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، މަޑީގެ ސަބަބުން ރުއްތަކަށް ދިމާވެދާނެ ނުރައްކާތެރިކަމަށް ބަލައި، މިމަޑި ރާއްޖޭގެ އެހެން ރަށްތަކަށް ފެތުރުން ހުއްޓުވުމަށް ސަމާލުވެގެން ތިބުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

ރަތްމަޑިއަކީ ރުކާއި ކަދުރު ރުކާއި ޒީނަތްތެރިކުރުމަށް އިންދާ ރުކުގެ އާއިލާގެ ގަސްތަކަށް ގެއްލުންދޭ ނުރައްކާތެރި މަޑިއެކެވެ. މި މަޑީގެ ފަނިީގެމަރުހަލާގައި ރުކުގެ ކަނދުތެރޭގައި ހުންނަ މަޑު ބައިތައް ކާން ފަށާނެއެވެ. ނަމަވެސް ކަނދުގެ އެތެރެއަށް މަޑީގެ ފަނި ދޭ ގެއްލުން ބޭރަށް ފެންނަން ނުހުރުމާއެކު މަޑި ރުކަށް ގެއްލުންދޭކަން ފާހަގަ ކުރެވެނީ، ރުކުގައި މަޑި ވަރަށްބޮޑަށް އަށަގަންނަފަހުންނެވެ. އެހެންކަމުން މި މަޑީގެ ސަބަބުން ވަރަށް އަވަހަށް ރުކުގެ ކުރި މަރުވެ، ފަހުގެ މަރުހަލާއެއްގައި ރުއް މަރުވެއެވެ.

ad