މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި 05 ޑިސެމްބަރ 2026 ވާ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ފަރުމަސްވެރިކަމުގެ މުބާރާތެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މާލެސިޓީން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަކަށެވެ. ފަރުމަސްވެރިކަމުގެ މުބާރާތާގުޅޭ އާންމު ގަވާއިދު މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކުން ކަމާގުޅޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 23 ނޮވެންބަރު 2026ގެ 13:00ގެ ކުރިން އެ ވުޒާރާއަށް ހުށަހަޅަންޖެހެއެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ވެސް ފަރުމަސްވެރިކަމުގެ މުބާރާތަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގައެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާއިރު، ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު އަދި އަންހެން މަސްވެރިޔާގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

