logo

"ހިއްކަންވީމާ ދިވެހީންނަށް، ހިއްކާ ނިމޭއިރު ބިދޭސީންނަށް": އެމްޑީޕީގެ ޕީޖީ ގްރޫޕް

ދިޔާމާ އިބްރާހިމް
21 މިނިޓު ކުރިން

ފުށިދިއްގަރުފަޅުގައި ސަރުކާރުން ކުރިޔަށް ގެންދާ، ރަސްމާލެ މަޝްރޫޢަށް ބިން ހިއްކަނީ ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަޤްސަދުގައި ނަމަވެސް މި މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ އިރު މިހާރު ސަރުކާރުގެ ރާގު ބަދަލުވެ، ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައިދޭން ވީ ވަޢުދު ހަނދާން ނައްތާލައި، ބިދޭސީންނަށް އެ ބިމުގައި ދިރިއުޅެވި، ބިން މިލްކު ކުރެވޭ ގޮތަށް ސަރުކާރުން މިދަނީ މަސައްކަތް ކުރަމަން ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ހާމަކޮށްފިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިމެނޭ ގަރާރެއް އެމްޑީޕީން ނޮވެމްބަރު މަހު 4 ވަނަ ދުވަހު ހުށަހަޅާފައިވީ ނަމަވެސް، އެ ގަރާރު މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާ ކޮށްފައިވަނީ އެމްޑީޕީން ނޫސްވެރިންނާ ބައްދަލު ކުރުމަށް ނިންމާ އެކަން ހާމަކޮށްފައިވަނިކޮށް ކަމަށެވެ.

ނާޒިލް ވިދާޅުވީ، ގަރާރު އެޖެންޑާ ކުރިނަމަވެސް، ރިޔާސަތުން ޖަލްސާ ފެށުމާއެކު އެ ގަރާރު މާލިއްޔަތު ކޮމެޓީއަށް ފޮނުވާލައިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ހިއްކާ ބިމަކީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދާ ދިނުމަށް ކަމަށް ބުނެ ސަރުކާރުން ހިއްކަން ފެށި ބިމެއް ނަމަވެސް މި މަޝްރޫޢު މިހިސާބަށް އައި އިރު ސަރުކާރުގެ ރާގު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށާއި މިކަމުގައި ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ޕީޖީ ގްރޫޕްގެ މެންބަރުން ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫޢު ވެގެންދާނީ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލެއް ލިބިގެންދާނެ މަޝްރޫޢުއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން އެކި ޕޯޑިއަމްތަކުގައި ވަނީ ފާހަގަކުރައްވާފައެވެ. އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ 2024 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން، ރަސްމާލެ މަޝްރޫޢުގެ ދަށުން ހިއްކާ ބިމުން ބޭރުމީހުންނަށް ބިން ނުވިއްކާނެ ކަމަށް ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު މަތިންވެސް ހަނދާންކޮށްދީފައެވެ.

މިއީ ބޯހިޔާވަހިކަމަށް އެދި ތިބި އެތައް ދިވެހީންނެއްގެ ހުވަފެނެއް ކަމަށާއި، އެހެން ނަމަވެސް މިއަދު ފެނިގެން މިދަނީ ދިވެހިންނަށް ދިނުމުގެ ނަމުގައި ހިއްކަން ފެށި ބިން ބޭރުމީހުންނަށް މިލްކު ކުރެވޭ ގޮތަށް ގާނުނުތަކަށް ވެސް ބަދަލުތައް ގެނެސްގެން ކަންކަން ކުރާ ތަން ކަމަށް ޕީޖީ ގްރޫޕުން ވަނީ ބުނެފައެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަށް އިޝާރަތް ކުރައްވައި ވާހަކަ ދައްކަވަމުން ޕީޖީ ގްރޫޕްގެ މެމްބަރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ، މި ބިލުގައި ގާނޫނު އަސާސީއާއި ޚިލާފު މާއްދާތަކެއް އެބަ ހުރި ކަމަށެވެ.

ޒިޔާދު ވިދާޅުވީ އެމްޑީޕީން މިކަމާ ގުޅިގެން ހުށަހެޅި ގަރާރުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާއާ ޚިލާފަށް 99 އަހަރަށް ވުރެ އިތުރަށް މުއްދަތު ދެވޭ ގޮތަށް އޮތުން ކަމަށެވެ.

" ހަމަ ވަރަށް ސާފުކޮށް އެ ބަޔާންކޮށްފައި އެބައޮތް 89 ވަނަ މާއްދާގައިވެސް 99 އަހަރަށް. އަދި ހަމަ އެ 78 ވަނަ މާއްދާގައި އަދި 99 އަހަރަށް އެ ދިން ކަމުގައި ވިޔަސް ތިންވަނަ ފަރާތަކަށް ދީފައި އޮތް ނަމަ، ފުރަތަމަ ދިން މި ޑިވެލޮޕަރުގެ މުއްދަތު 99 ހަމަވިޔަސް، ފަހުން ތިންވަނަ ފަރާތުގެ ޙައްޤަކަށް އުނިކަމެއް ނާންނާނެކަމަށް 78 ގައި ލިޔެފައި އޮތީމާ އަޅުގަނޑުމެން ގަރާރުގައި އެ ބުނާ އެ އޮތް ކަންބޮޑުވުން ހަމަ މިހާރު އޮތް ގާނޫނުގައި ވެސް އެބައޮތް" ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރުން ވަނީ މި މަޝްރޫޢުގެ ކަންކަން ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށާއި، މިކަމުގައި ރައްޔިތުންނަށް ސައްޙަ މަޢުލޫމާތު ހާމަކޮށް ރައްޔިތުންގެ ބަސް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން ހިއްކާ ބިމެއް ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރެއް ބޭނުންވީމާ، ވިއްކާލުން އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން ނާޒިލް ހުށަހެޅުއްވި ގަރާރުގައި، ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެއިން 'މޯލްޑިވްސް ވޯޓަރ ފްރޮންޓް މެރީނާ'ގެ ނަމުގައި މަޝްރޫޢެއް ހިންގުމަށާއި، އެބިމުގައި ބިދޭސީންނަށް ވަޒަންވެރިވެ ތިބުމުގެ ޙައްގު ލިބޭގޮތަށް، 500 ހެކްޓަރު ބިން، 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ގޮވާލާފައެވެ.

މި މައްސަލާއާ ގުޅިގެން، މިމަހުގެ 26ވަނަ ދުވަހު އެމްޑީޕީން ވަނީ އިހްތިޖާޖަށް ނިކުތުމަށް ވެސް ނިންމާފައެވެ. ވީހާވެސް ގިނަ ރައްޔިތުން އެ އިހްތިޖާޖްގައި ބައިވެރިވުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުން ވަނީ ގޮވާލައްވާފައެވެ.

ad