logo

ފުކެޓުގެ އިމާރާތެއްގައި އަލިފާން ރޯވެ 11 މީހުން މަރުވެ ގިނަ ބަޔަކަށް އަނިޔާވެއްޖެ

މަޒީ
12 ގަޑިއިރު ކުރިން

ތައިލެންޑުގެ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ފުކެޓްގައި ހުންނަ ވިޔަފާރި އިމާރާތެއްގައި މިއަދުގެ ފަތިހުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 11 މީހުން މަރުވެ، އިތުރު 16 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.


ރޮއިޓަރސް ނޫހުން ތައިލެންޑުގެ ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ އަލިފާން ފުރަތަމަ ރޯވެފައިވަނީ އުޅަނދުފަހަރު ކުއްޔަށްދޭ ވިޔަފާރިއެއް ހިންގަމުން އައި އިމާރާތެއްގައި ކަމަށެވެ. އަދި ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ފެތުރި، ކައިރީގައި ހުރި އެހެން އިމާރާތްތަކަށްވެސް ވަނީ އޭގެ އަސަރު ފޯރާފައެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާގައި މަރުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި އެއްވެސް ފަތުރުވެރިއަކު ނުހިމެނޭ ކަމަށެވެ. އަނިޔާވެގެން މިހާރު ފަރުވާ ދެމުންދާ 16 މީހުންގެ ތެރޭގައި ހިމެނެނީ ތައިލެންޑުގެ 15 މީހަކާއި މިޔަންމާގެ ރައްޔިތެކެވެ.

ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ގާތްގަނޑަކަށް ދެ ގަޑިއިރުގެ މަސައްކަތަށް ފަހުގައެވެ.

މި ހާދިސާ ހިނގި ސަރަހައްދަކީ ފުކެޓްގެ ހުޅަނގު އައްސޭރީގައި އޮންނަ، ފަތުރުވެރިންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޕަޓޮންގް ބީޗާ ވަރަށް ކައިރީގައި އޮންނަ ސަރަހައްދެކެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ތަހުގީގީ ޓީމުތަކުން ދަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.

މިއީ ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ތައިލެންޑުގައި މިފަދަ ނުރައްކާތެރި ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ.

ad