ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހއ. ބާރަށު ޢަލީ ޖުމާން، ޑެތުގެ ފޯނުގެ ލޮކްކޯޑް ކްރެކް ނުކުރެވުމުން، އެ ފޯނު ތަޙްލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ، ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ހއ. ބާރަށް، ކުއްޅަވައްގޭ، ޖުމާން ހައްޔަރުކުރީ މިދިޔަ އޮކްޓޫބަރު 22ގައެވެ.
ފުލުހުން ބުނެފައިވަނީ ޖުމާންގެ ފޯނުގެ ޕާސްވޯޑު ނުދޭ ކަމަށާއި ފޯނުގެ ލޮކް ކްރެކް ނުކުރެވޭ ކަމަށެވެ. އަދި އެކްސްގައި އޭނާ ޕޯސްޓުކުރި "ޑެތްޕުހު" އައިޑީގެ މައުލޫމާތު ހޯދަން ޕީޖީ އޮފީހާއެކު މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމުގައި ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލްކުރަން މަސައްކަތްކުރަމުންދާކަމަށް ވެސް ކޯޓުގައި ފުލުހުން ވަނީ ބުނެފައެވެ. އެކްސްގެ އައިޑީގައި ހިމެނޭ އިތުރު ޕޯސްޓުތަކުން ޖުމާނާއި އައިޑީއާ ގުޅުން އޮތްކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުންގެ ފަރާތުން ހެކި ހުށަހަޅާފައިވާކަމަށް ބަންދު އަމުރުގައިވެއެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ޖުމާން ބުނެފައިވަނީ "ސަރުކާރުން ޔަހޫދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ" ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ "ރެޑްވޭވް ފިހާރަ ލޫޓުވާލަން" ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެކަމަށް ބެލެވޭތީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ26ވަނަ މާއްދާގެ ދަށުން ކޯޓުން ވަނީ އޭނާގެ ބަންދު އިތުރުކޮށްފައެވެ. އެގޮތުން، އެންމެ ފަހުން ދިން 15 ދުވަހުގެ މުއްދަތު ހަމަވާތީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެއެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 4 ވަނަ ދުވަހަށެވެ.

