މިއަދު ދިވެހިޗެނަލަށް ފަސް އަހަރު ފުރޭއިރު، މި ޗެނަލަށް އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނޭ އާއިޝަތު އަޒީމާ، ދިވެހިޗެނަލާ ގުޅުނީ ޗެނަލް އުފެދުނު ދުވަހުއެވެ. ދިވެހިޗެނަލް ވުޖޫދުވިއިރު ޗެނެލްގެ ފުރަތަމަ ޚަބަރު ގަޑި ހުށައިޅައިދިން ޕްރެޒެންޓަރަކީވެސް އަޒީމާއެވެ. އާންމު ނަމުންނަމަ އަޒީ، ދިވެހި ޗެނަލުގައި އަދާކުރާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޚަބަރު ކިޔުމާއި ޕްރޮގްރާމްތައް ހުށަހެޅުން ހިމެނެއެވެ. ޗެނަލް ފެށިގެން އައިއިރު، "ސުރުޚީތަކުން" ނަމުގައި ގެނެސްދިން ޚަބަރު ޕްރޮގްރާމުގައި ބައިވެރިވި ފުރަތަމަ މުވައްޒަފުންގެ ތެރޭގައި އަޒީ ހިމެނެއެވެ.
ޕާޓް ޓައިމް މުވައްޒަފެއްގެ ގޮތުގައި ދިވެހިޗެނަލުގައި މަސައްކަތްކުރަމުންދާ އަޒީ، ފުރަތަމަ ޕްރޮގްރާމް ހުށަހެޅުމާއި އުފެއްދުމުގެ އިތުރުން ޚަބަރު ކިޔަން ފެށީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ޓީވީ މޯލްޑިވްސްގެ ސްކޫލު ޚަބަރު ކިޔުމަށް ލިބުނު ފުރުޞަތަކާ ގުޅިގެންނެވެ. އަޒީ ބުނީ، އޭނާ ދުވަހަކުވެސް ޚަބަރު ކިޔާނެ ކަމަކަށް ހިތަށްވެސް ނާރާ ކަމަށެވެ. ނަމަވެސް، ޓީވީއެމްގެ ޚަބަރުތައް މަދުން ނަމަވެސް ބެލޭ ވަގުތު ތަކުގައި. ޝިފްލާ، މައިސަރާ، ހީނާ، ޞާބިރާ އަދި ވަސީމް ފަދަ ޚަބަރު ކިޔާ ފަރާތްތަކުން ޚަބަރު ފެށުމާއި ނިންމުމުގައި ބޭނުންކުރާ ބައެއް ޢިބާރާތްތަކާއި އެ ބޭފުޅުންގެ ހިނިތުންވުމަކީ ވަރަށް ޝައުޤުވެރިކަމާއެކު ބަލަން ހުރެވޭ ވަގުތުކޮޅުތަކެއް ކަމުގައި އަޒީސިފަކުރިއެވެ. އަޒީބުނީ، މި ދާއިރާގައި ޖުމްލަ 18 އަހަރު ވެފައިވާ ކަމަށާއި، ޚަބަރު ކިޔުމަށް އެންމެ ބޮޑަށް ހިތްވަރުދެނީ އޭނާގެ ފިރިމީހީއާއި ޢާއިލާގެ މެންބަރުން ކަމަށެވެ. ދިރިއުޅުމުގައި ބައެއް ފަހަރު އެކި ކަންކަމުގައި ވަރަށް ބިޒީވާ ކަމަށާއި، އެފަދަ ބައެއް ފަހަރުތަކުގައި ޕްރެޒެންޓް ކުރުން ހުއްޓާލަން ބޭނުންވާ ކަމަށްވެސް އަޒީފާހަގަކުރިއެވެ.
އައިޝަތު އަޒީމާ އޭނާގެ އާއިލާ އާއި އެކު
"އަޅުގަނޑު ޚަބަރު ކިޔަން ފެށި ދުވަސްވަރު، ގްރޭޑް 9 ގެ ފަހު އަހަރުގައި އީޕީއެސް ސްކޫލުގައި ކިޔަވަމުން ދިޔައީ. ކޮންމެ ދުވަހަކު ސްކޫލަށް ގެންގޮސް ގެނެސްދެނީ އަޅުގަނޑުގެ ދައްތަ. ސްކޫލުން އެނބުރި ގެއަށް ގޮސް ތައްޔާރުވުމަށްފަހު، ދައްތަ އަޅުގަނޑު ގޮވައިގެން މާފަންނުން ޓީވީއެމަށް ދާނެ. ދެން ބައެއް ދުވަސް ތަކުގައި ބޭބެވެސް އަންނާނެ ގެންގޮސްދޭން. ދައްތަ އެކަމަކު އެ ހުރިހާ ތަނަކަށްވެސް އަޅުގަނޑު ގޮވައިގެން ދާނީ. އެވެސް ހިނގާފަ. ދައްތަގެ ހިތްވަރާއި ބުރަ މަސައްކަތް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކުރަން. މިހާހިސާބަށް އާދެވިފައިވަނީ މައިންބަފައިންނާއި، ފިރިމީހާއާއި މުޅި ޢާއިލާގެ އެހީތެރިކަމާ އެއްބާރުލުމުގެ ސަބަބުން. އެހެންކަމުން އެންމެ ބޮޑު ޝުކުރެއް ޙައްޤުވަނީ އަޅުގަނޑުގެ ފިރިމީހާއާއި މުޅި ޢާއިލާއަށް". އަޒީ ބުންޏެވެ.
މީގެ އިތުރުން، މީޑިއާ ދާއިރާގައި އެކުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކާއި އެކުވެރިންވެސް ހިތްވަރުދޭކަން އަޒީ ފާހަގަކުރިއެވެ. މިހާރު މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި މަސައްކަތްކުރަމުންދާ އަޒީ، ޚަބަރު ކިޔަން ފެށީ ޓީވީ މޯލްޑިވްސްއިން ނަމަވެސް އޭގެފަހުން ދިޓީވީ އަދި ސަންޓީވީގައިވެސް މަސައްކަތް ކޮށްފައިވެއެވެ. މިހާރު ދިވެހި ޗެނެލުގައި މަސައްކަތްކުރަމުންދަނީ އުފަލާއެކު، ގިނަ ފުރުޞަތުތަކާއެކުގައި ކަން އަޒީ ފާހަގަކުރެއެވެ.
އައިޝަތު އަޒީމާ ދިވެހި ޗެނެލްގެ ހުށަހެޅި ޕްރޮގްރާމް ތަކުގެ ތެރެއިން
"ދިވެހި ޗެނަލްގެ ޓީމާއެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ. ކުޑަ ޓީމެއް ނަމަވެސް އެކަކު އަނެކަކަށް އެއްބާރުލުމާއި އެހީތެރިކަމާއެކު މަސައްކަތްކުރަމުންދާ ޓީމެއް މިއީ" އަޒީއަކީ މިހާރު ޕްރެޒެންޓްކުރުމުގައި ވަރަށް ފަރިތަ ކުޅަދާނަ ޕްރެޒެންޓަރެކެވެ. ދިވެހި ބަހުން ވާހަކަދެއްކުމުގައި ހުރި ފަރިތަކަމަކީ އޭނާއަށް ޚަބަރު ކިޔުން ފަސޭހަވެގެންދާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އަޒީގެ އެދުމަކީ، ކޮންމެ ދާއިރާއަކުން މަސައްކަތްކުރި ނަމަވެސް، ހިތްވަރާއެކު މަސައްކަތުގައި ޝައުޤުވެރިވެ ކުރިއަށް ދިއުމެވެ. އަޒުމާއެކު މަސައްކަތްކުރުމަކީ ކާމިޔާބީގެ ތަޅުދަނޑި ކަމުގައި އަޒީ ޤަބޫލުކުރެއެވެ.