އަހަރުމެންނީ ވަރަށްހިތްހެޔޮ އޯގާތެރި އަދި ރީތި އަދާތައް މަތީ ދިރިއުޅުން ބައްޓަންކޮށް އުފާ އުފަލާއެކު ހަޔާތް ވެއުތު ކުރަމުން ދިޔަ ވަރަށް ވެސް އެކުވެރި ބައެކެވެ. އެކެއްގެ އިހްސާސްތައް އަނެކާ ދަނެ އޯގާތެރިވެސް ބައެކެވެ. އެއްގޭ މީހުން ނުކާއި ތިބިކަން އެގޭނަމަ ގަރުދިޔަ ބޯ ތަށި ދިގު ކޮށްލަނީ ނިކަމެތި ކަމުގެ ނަޒަރަކުންދެކިގަނެއްނޫނެވެ. އެއީ އެކުވެރިކަމާއި، ގާތް ރަހްމަތްތެރި ކަމުގެ ނަޒަރުން ދެކިގެން އޯގާތެރި ހިތަކުންނެވެ.
އެކުވެރިކަމާއި ގުޅުން ނިކަން ވަރުގަދަވިޔަސް، އޭރުވެސް ގޭ ގޭގެ ކަންމަތީ ޖޯލިތައް ނިކަން ތިޔާގިވެފަ ފޯރިގަދައެވެ. ނިކަން ފަތިހާ ތެދުވެ މޮޅުވާހަކަތައް ފަތުރާ ކަތުރުފަނިން އޭރުވެސް ތިބެއެވެ. މީހުންގެނެތި ނުބައިމޮށުމާއި، މީހުންގެ އަނބުރަށް އަރާމީހުންވެސް އޭރުވެސް ނިކަން ހަލުވިކޮށް މުޅި ރަށަށް ވާހަކަތައް ފަތުރާލައެވެ. ހިތްހަމަ ނުޖެހޭނަމަ ޒުވާބުވެސް ހިންގާލައެވެ. އިރު އޮއްސުމާއި އިރު، އަރާނީވެސް މިފަދަ ޒުވާބުތަކުގައެވެ. އެއީ އޭރު އެޒަމާނުގެ ޓްރެންޑެކެވެ. އަނެކާގެ ސިއްރު ހަގީގަތްތައް ތިލަކޮށް އެއް އަޑަކަށް ފަތިވަރު ގޮވާލާއިރު، ހީވާނީ ބަންޖެއް އަމުނާލާހެނެވެ. މިކަހަލަ ޒުވާބުތަކުގަ ކަނޑިކަ ހިއްލާ އޮރިޔާންވާ ހިސާބަށްވެސް ދެއެވެ. އެކަމަކު އޭރުވެސް މިކަން ކޮށް އުޅުނީ އޭރު އެ ރަށެއްގަ ތިބޭ ނިކަން ޖާހިލު މީހުންނެވެ. އަނބުރުވެރި އެއްވެސް މީހަކު އޭރުވެސް މި ބުނާ ޒާތަކަށް ޒުވާބުކޮށް ނަހަދައެވެ.
ހަނދާނަށް އަންނަނީ 2000 ގެ ކުރީކޮޅެވެ. އެއީ އަހަރުމެންގެ ޖީލު ބޮޑުވަމުން ވެސް އައި ހިސާބެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އޭރު ރަށްރަށުގެ ބޮޑު މަގު، ގެ މެދުގައި ހިޔާދޭ ގަސްތަކެއް ރަށު އޮފީހުން އިސްނަގައިގެން އިންދިއެވެ. އަދި އެގަސްތައް ވަށާ ބޮޑު ބުރުތަކެއް ވެސް ރޭނިއެވެ. މިއީ، ހިޔާތަކުގައި މަޑުކޮށްލުމަށާއި، ރަށް ފެހިކޮށް ޒީންތްތެރި ކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް އެބުރުތައް ވެސް ވެގެންދިޔައީ އެންމެން އެއްވެ މޮޅުވާހަކަތައް ދައްކާ މައިޒާނަކަށެވެ. ރޭގަނޑު ހިނގާ ކަންތައް ފަތިހު ތިލަކޮށްލާ މައިޒާން އަށްޓަށެވެ.
ފިރިހެނަކު އަންހެނެއްގެ ކައިރިއަށް ވަނަސް އެވާހަކަ ނިކަން ހަލުވިކޮށް އެ މައިޒާނުން ޙަބަރު ފަތުރާ ކުދިން އިއްވާލައެވެ. "ރޭގަ އައިމިނަގެ ދަރި މަރިޔަބާއި އަހަންމަދު ލޯބީގެ މާ ފޮޅުވަން އެގޭ ވަލުދޮރޯށި ކައިރީގަ ހުރި ޖޯލީގަ ތިއްބާ ކަޅުތެޔޮޖަހައިފި،" މިފަދަ ވާހަކަތެކެވެ. އެއީ ދިވެހިން މާ ތަހްޒީބު ޒަމާނެކޭ ވެސް ނުބުނެވޭ ޒަމާނެކެވެ.
އެކަމަކު، އެއީ މަޑުމަޑުން ދަރިންނަށް ތައުލީމު ދިނުމާއެކު ވިސްނުންތައް ބަދަލުވަމުންވެސް އައި ޒަމާންއެވެ.
އެހެންކަމުން މީހުންގެ ވިސްނުމާއި ކަންކަމަށް އައީ ބަދަލު ވަމުންނެވެ. ޝެއިޙުން ވެސް އިތުރުވެ ބުރުގާ ނާޅާ ތިބި ޒުވާން އަންހެނުންވެސް މަޑުމަޑުން ބުރުގާ އަޅާ އައުރަ ނިވާވާން ފެށިއެވެ. އެހާ ހިސާބުން ޖާހިލުކަން ނެތި ހަމަމަގަށް މީހުންދިޔައީ އެޅެމުންނެވެ. ތަންދޮރު ދަންނަ މީހުންގެ ގިނަވާން ފެށިއެވެ. މަގުމައްޗަށް ނުކުންނަނަ މީހުންމަދުވެ ގޭގައި ހޭދަވާން ފެށިއެވެ. އަޅުކަމާއި ތަގްވާއަށް ދާންފެށުމުން ހަނގީގަތުގައިވެސް ތަންދޮރު ނުދަންނަ ޖާހިލު ޒަމާން މަޑުމަޑުން ބަދަލުވެ މީހުންގެ މުޅަމަސް ކެއުމަކީ ކިހާ ނުބައިކަމެއްކަން ނޭގޭމީހުންވެސް ހެޔޮމަގަށް އެޅި ކަންކަން އޮޅުންފިލާން ފެށިއެވެ. ހެޔޮވިސްނުމުން ދިވެހިން ތަހްޒީބުގެ މަގު ކޮށަމުންދިޔައެވެ.
ނަމަވެސް މިއަދު މިއީ 2025 އެވެ. ސޯޝަލް މީޑިއާ އަށް ދިވެހިން ފަރިވެލީ މި ބުނާ ޒަމާން މާޒީ އަށް ހަދާލާފައެވެ. އެކަމަކު އޭރުގެ ހާލަށް އަދު ވެއްޓެން ދިމާވުމުން މަޑުމަޑުން ވެދިޔަ ތަހްޒީބާއި މިސްރާބްގެ ހުންގާނުގެ ރެނދު އަޅައިފިއެވެ. ބަދަލުވި ދިވެހިންގެ ހާލަތުގެ މިއަދު ބަދަލުވަމުން ދަނީ އޭރު ތަހްޒީބެއް ނެތް ޖާހިލު ޒަމާނާއި ދިމާލަށެވެ.
2018 ވަނަ އަހަރު މަޝްހޫރުވެގެން އައި އާ އެޕްލިކޭޝަނެއްކަމަށްވާ 'ޓިކްޓޮކް' ފެނި ދިވެހިން ހާލަތު މިހާރު ދަނީ ދެހާހުގެކުރިން ކަންމަތީ ޖޯލިތަކުން ދިވެހިން ދެއްކި ނާތަހްޒީބާއި ދިމާލަށެވެ. މިއަދު ދިވެހިން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ޓިކްޓޮކަކީ ފަރި އެޕްލިކޭޝަނަކަށް ވިޔަސް އޭގެއިން ލިބޭ ފައިދާއަށްވުރެ ދިވެހި މުޖުތަމައުއަށް ކުރަމުންދާ ނޭދެވޭ އަސަރުގެ މިންވަރު ބޮޑު ކަމެވެ.
ސަބަބަކީ މިކަމުގެ ވަކި އުމުރެއް އިސްތިސްނާ ވުމެއްނެތި އެ އެޕް މެދުވެރިކޮށް ޖައްސާ ވިޔާނުދާ ވައްތަރުކާއި މީހުންގެ އަބުރަށް އަރާ މީހުންގެ އިއްފަތާއި އިއްޒަތާއި ގަދަރު ވެއްޔާއި މޮޑެލަމުންދާތިއެވެ. އެކަކު އަނެކަކު ފަލީހަތްކޮށް، ޒުވާބުކޮށް، ހަޑިހުތުރުބަހުން ވާހަކަދައްކައި، މީހުންގެ ޒާތީ މައުލޫމާތު ހާމަކޮށް އަބުރު ކަތިލަމުންދާތީވެސް މެއެވެ.
މި ޕްލެޓް ފޯމް ބޭނުން ކުރަމުންދާ މީހުން ހުތުރު ބަސްތައް ބޭނުން ކުރަމުން ދާއިރު ކުޑަކުދިންނާއި ބޮޑެތިމީހުން ވެސް ތިބެނީ ނިކަންފޯރީގަ އަޑު ޖައްސާއިގެން އަޑު އަހާށެވެ. އަހުލާގާ ހިލާފު ނޭދޭވޭ ވާހަކަތަކާއި ވީޑިއޯތައް ޕޯސްޓްކުރަމުގައި މުޅި ދުވަސް ހޭދަކޮށްލެވެއެވެ. މި މީހުންނަށް ދުނިޔެ އަށް އައި ބޭނުންވެސް ނޭގެނީބާއޭ ހިތައް އަރައެވެ. އަދި މިމީހުންގެ ސަޕޯޓަރުންވެސް މި މީހުންނަށް ވަރަށް ފޯރިދެއެވެ. މިބުނާ ކިތަންމެ ގޯސްކަމެއް އަދި ކިތަންމެ ވައްތަރެއް ޖެއްސިއަސް އެކުރާ ކަންތައްވަރަށް މޮޅުކަމަށް ސަޕޯޓަރުން ދެކެއެވެ.
މިއަދުގެ ހާލަތަށް ވިސްނާއިރު އެންމެ ގިނައިން ފެންނަ އެއްކަމަކީ މީހުންގެ އަބުރަށް އަރައިގަތުންކަމަށާއި، ހައްޤަކާއި ނުލައި މީހަކު މަރައިލުން ހަރާމްވާ ފަދައިން އަދި މީހެއްގެ މުދާ އަތުލައިގަތުން ހަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީ ހަރާމް ކަމެއްކަމަށް އަރައިގަތުން ވެސް އޯކޭ ހާލުގައެވެ. "މުއުމިނަކާއި ބެހޭ ގޮތުން ތެދު ނޫން އެއްޗެއް ބުނި މީހަކު، އެ މީހަކު އެ ބުނި އެއްޗަކުން ރުޖޫއަނުވެ ހުރެ މަރުވެއްޖެ ނަމަ، މާތްﷲ އެ މީހަކު ނަރަކައިގެ އަހުލުވެރީންގެ ގައިން ނުކުންނަ ފާދިޔައިގައި ވަޒަންވެރިކުރުވާ ހުރި ކަމަށާއި، ހަމައެކަނި ޒިންމާދާރު ކަމެއް ނެތި ދުލުން ނުވަތަ ގަލަމުން ފަތުރާ ދޮގު ވާހަކައެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ، އާއިލާތައް ރޫޅި މުޖްތަމައު ބައިބައިވެގެންދާ ކަމަށް ދިނީ ފަރާތްތައް ތަކްރާރްުކޮށް ބުނެފައެވެ.
ތެދެއް ދޮގެއް ބެލުމެއް ނެތި އެމީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނިކުންނާނޭ ނަތީޖާއަކަށް އެންމެ ފަހަރަކުވެސް ވިސްނައިލުމެއް ނެތި ކަމަށާއި،މީހެއްގެ އަބުރު ކަތިލައި މުޅަމަސްކައި ފަޟީހަތްކޮށް ދޮގު ވާހަކަތައް ފަތުރާއިރު އެއްވެސް އެއްޗެއް ތިބާގެ ހިތަށް ނާރަނީހެއްޔެވެ؟ މިކަމުގެ ބިރުވެރިކަމުގެ ވާހަކަތައް ތިބާއާ ހަމައަށް ނުފޯރަނީހެއްޔެވެ؟ ނަބިއްޔާ އެކަމުގައި ހުރި ނުރައްކާތެރިކަން ބަޔާންކޮށްދެއްވައި އިންޒާރު ކުރެއްވިކަން ވެސް ނޭނގެނީހެއްޔެވެ؟ދަންނަބޭކަލުން މިފަދައިން ބުނެ ސުވާލު ވެސް އުފައްދާފައެވެ.
މާތް ރަސްކަލާގެ އަޅުންނޭވެ. މާދަމާ އަށް ތައްޔާރުވާށެވެ. ތިބާ މިވަގުތުވެސް ކައްވަޅުގެ ހަޔާތާއި ބައްދަލުކުރަން ޖެހިދާނެއެވެ. މިދުނިޔޭގައި ކޮށްފައިވާ އެއްވެސް ކަމަކީ އެއާ މެދު ސުވާލު ނުކުރެވި ފަރު ޖެއްސޭނެ ކަމެއްނޫނެވެ. އެހެންކަމުން އެދުވަހު ޖަވާބުދެވޭ މީހަކަށް ތިމާވާން ޓިކްޓޮކްއިން ތިކުރާ ޒުވާބު ހުއްޓާލާ އިސްލާހްވަމާ ހިނގާށެވެ. އަހަރުމެން ދިވެހިން ހިތްހެޔޮކަމާއެކު އޯގާތެރި އަދި ރީތި އަދާތައް މަތީ ދިރިއުޅުން ބައްޓަންކުރި ޒަމާން އިޔާދަ ކުރަމާ ހިނގާށެވެ.


