އިސްރާއީލު ސިފައިން "ގްލޯބަލް ސުމުދް ފްލޮޓިލާ" ގައި ހިމެނޭ އެންމެބޮޑު ބޯޓު "އަލްމާ" ވަށާލައިފިއެވެ.
ގާފިލާ ގެ ސްޓިއަރިން ކޮމިޓީގެ މެމްބަރަކު ވަނީ މިކަން ވަށަވަރު ކޮށްދީފައެވެ. އިސްރާއީލު ސިފައިން އަލްމާއާ ދެފަރާތުން ގާތްވަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.
ގާފިލާގައި ހިމެނޭ އެންމެބޮޑު ބޯޓު ވަށާލިކަން މި ހާމަކުރީ، "ގްލޯބަލް ސުމުދް ފްލޮޓިލާ" އާ ދިމާއަށް ވިއްސަށްވުރެ ގިނަ އުޅަނދު އަންނަ ކަމަށް، އެ ގާފިލާއިން ބުނިތާ މާ ގިނައިރެއް ނުވަނީހެވެ.
މިއީ، ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދެވެ.
އެހެންކަމުން "ގްލޯބަލް ސުމުދް ފްލޮޓިލާ" އިން މިހާރުވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް އެހީއަށް އެދި ގޮވާލާފައެވެ.
ގާފިލާ އިންތިޒާމުކުރާ ކޮމިޓީގެ މެމްބަރަކު ބުނެފައިވަނީ، އިސްރާއީލު އަސްކަރިއްޔާއިން އެ ކޮމިޓީއާ މުއާސަލާތުކޮށް ގާފިލާ އަނބުރާލުމަށް އަމުރުކުރި ކަމަށެވެ.
އެހެންނަމަވެސް، އެކަން ނުކޮށް ގާފިލާގެ މިސްރާބު ހުރީ ޣައްޒާއާ ދިމާއަށް ބަހައްޓާފައެވެ.
"ގްލޯބަލް ސުމުދް ފްލޮޓިލާ" ގެ ދަތުރު ނުހުއްޓުވާނަ މާދަމާ ހެނދުނު ޣައްޒާއަށް ފޯރާނެއެވެ.
"ގްލޯބަލް ސުމުދް ފްލޮޓިލާ" ގައި ހިމެނޭ ހުރިހާ ބޯޓުތަކަކުން ދަތުރު ލައިވް ސްޓްރީމް ކުރަމުން ގެންދާއިރު، ވަށައިގެން ކެމެރާތައް ޖައްސައި، އަދި ކުއްލި ހަމަލާއެއް އަތުވެދާނެ ކަމަށް ތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.
އެ މަންޒަރު މުޅި ދުނިޔެއިން ވަގުތުން ބަލަމުން އެބަ ގެންދެއެވެ. ނަމަވެސް، އިސްރާއީލު ސިފައިން ގެންދަނީ މުއާސަލާތީ ގުޅުންތައް ޖޭމް ކުރަމުންނެވެ.