ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މުސާރައަށް އައި ކުރިއެރުން އެންމެ ފުރިހަމަގޮތުގައި ސަރުކާރު މުވައްޒަފުންނަށް ލިބެން ފަށާނީ އަންނަ މަސް ނިމޭއިރު ލިބޭ މުސާރައިން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޕޭ ހާމަނައިޒްވީ ނަމަވެސް މުސާރަތައް ކުޑަކަމުގެ ޝަކުވާ އެކި ދާއިރާތަކުގެ މުވައްޒަފުން ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭ ޖުޑީޝަރީގެ މުވައްޒަފުން ވެސް ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބު ކުރަމުންދާ އުސޫލަކީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 ގެ ނިޔަލަށް ކަމަށްވާތީ، އެކެއް ނޮވެންބަރުން ފެށިގެން ޕޭ ހާމަނައިޒްވެ މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަގޮތުގައި މުވައްޒަފުންނަށް ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު ލިބޭ މުސާރައިން ކަމަށެވެ.
އެހެންވެ މި މަހުގެ އެއްވަނަ ދުވަހު މުސާރަ ބޮޑުވި މުވައްޒަފުންނަށް އެ ކުރިއެރުން ފެންނާނީ އަންނަ މަސް ނިމިގެން ލިބޭ މުސާރައިގައިކަމަށް ފިނޭންސުން ބުންޏެވެ.
މުސާރަ ހިސާބު ކުރުމުގައި އަމަލުކުރާ އުސޫލަށް ބަލާއިރު، ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު، އޮކްޓޫބަރު 16 އިން 31 އަށް ހިސާބުކުރާނީ އޮކްޓޫބަރު މަހުގެ އެލަވަންސާއި އިނާޔަތްތައް ހިމަނައިގެން ކަމަށާއި އެކެއް ނޮވެންބަރުން ފެށިގެން ލިބޭ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބުކޮށްފައިވާނީ ނޮވެންބަރު މަހު 1 ން ފެށިގެން 15 ގެ ނިޔަލަށް ކަމަށްވާތީ، ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ ޕޭ ފްރޭމްވޯކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އެލަވަންސްތަކާއި އިނާޔަތްތަކުގެ އެއްބައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފަވެއެވެ.
އަދި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމާގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް އައިސްފިނަމަ ކުޑަވާބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތައާރަފުކޮށްފައިވާ މައިގްރޭޝަން އެލަވަންސް ލިބޭނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުގެ ސަގާފަތެއް އާލާކުރުމަށް ކަމަށެވެ.
މީގެ އިތުރަށް މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭގޮތަށް، މަސައްކަތުގެ ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށް މަގުފަހި ކުރުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މި މަހުން ފެށިގެން ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. މި ބަދަލާއެކުގައި މުސާރައިގެ ހެޔޮ ބަދަލު ގާތްގަނޑަކަށް 20،000 މުވައްޒަފުންނަށް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

