ސަރުކާރުން ކުރިއަށްގެންދާ ހިޔާވެހި ފައިނޭންސިން ސްކީމުގެ ދަށުން މިހައިތަނަށް، 820 މީހަކަށް، ޖުމުލަ 1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް އެޕްރޫވްކޮށްފިއެވެ.
"ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް"ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް އެދުމުގެ ފުރުޞަތު މިދިޔަ އަހަރުގެ ކުރީކޮޅު ހުޅުވާލިއެވެ. އަދި ލޯނު ލިބުނު ފަރާތްތަކަށް މިދިޔަ ޑިސެންބަރު މަހުން ފެށިގެން އަންނަނީ ލޯނު ދެމުންނެވެ. "ހިޔާވެހި ފައިނޭންސިން"އަކީ މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ ސްކީމެކެވެ. މިއީ ރާއްޖޭގެ 3 ބޭންކަކާއި ގުޅިގެން އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ. އަދި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބެއެވެ.
ގެދޮރު ބިނާކުރުމަށް ސަރުކާރުން ދޫކުރާ ލޯނުގެ އިތުރަށް ރަށްރަށުގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައްވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމާލާ އޭގެ ޙައްގުވެރިންނަށް ހަވާލުކުރާނެކަމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ބީއެމްއެލްގެ ފައިނޭންސިންގެ ދަށުން 800 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.
ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން 3 ސްކީމެއް ކުރިއަށްގެންދާއިރު ފުރަތަމަ ސްކީމަކީ އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ގެދޮރު ޢިމާރާތްކުރުމުގެ ސްކީމެވެ. މި ސްކީމް ދޫކުރުމަށް ހަމަޖެހިފައިވަނީ 1 މިލިޔަން ރުފިޔާއާއި ހަމައަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ. ދެވަނަ ސްކީމަކީ ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްރަށަށް ޚާއްޞަ ސްކީމެވެ. މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާއި ހަމައަށް މާލީ އެހީ ދޫކުރާނެއެވެ. ތިންވަނަ ސްކީމު މާލެ ސަރަހައްދަށް ޚާއްޞަކޮށްފައިވާއިރު، މި ސްކީމްގެ ދަށުން 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާނެއެވެ. މި ސްކީމު އަމާޒުކޮށްފައިވަނީ ގެދޮރު ނުހެދި ހުރި ފަރާތްތަކަށާއި، ހަދަން ފަށާފައި، ނުނިމިހުރި ޢިމާރާތްތައް ނިންމުމުގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ޢިމާރާތްކުރުމުގެ ފުރުޞަތު ފަހިވާގޮތަށެވެ. އާބަން ސެންޓަރުތައް އަދި ފުރަމާލެއަށް ޚާއްޞަކޮށް ކުރިއަށްގެންދާ ސްކީމްތައް ކުރިއަށްގެންދާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ. ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގެކެވެ. އެހެންކަމުން ރައްޔިތުންނަށް އެކަށޭނަ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.


