ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސީއީއޯ މިފަދައިން ވިދާޅުވީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރާ 364 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތަކީ ރައްޔިތުންގެ ހާލަތަށް ރިއާޔަތްކޮށް ދިވެހި ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި ގައުމީ މަޝްރޫއެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ހުރިހާ އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން އިތުރު ހައުސިން ޔުނިޓްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ
ޝަރީފް ވިދާޅުވީ، އެމްއެމްއޭއިން އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންއަށް ކަނޑައަޅުއްވާފައިވާ ގަވާއިދުގެ ތެރެއިން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިންގ ކުންފުނިން އިމާރާތްކުރާ ޔުނިޓްތަކަށް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް، މި ސްކީމްގައި ކަނޑައެޅިފައިވާ ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އުއްމީދަކީ ކުރިއަށް އޮތްތާނުގައިވެސް، އެހެން ބެންކުތަކުންވެސް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގައި ބައިވެރިވުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިތުރު 540 ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާކަމަށާއި، އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ، ގާބިލު ދިވެހި ކުންފުންޏަކާ، ނުވަތަ ކުންފުނިތަކަކާ މި މަސައްކަތް ހަވާލުކުރުމެވެ.
އަލަށް އިތުރުކުރި 540 ޔުނިޓާއެކު، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގގެ ދަށުން ޖުމްލަ 3,800 ޔުނިޓް ތަރައްގީކުރެވޭނެ ކަމަށް ބޭންކުން މައުލޫމާތުދެއެވެ. އަދި އެހެން ބޭންކުތަކުން މި ސްކީމްގައި ބައިވެރިވެއްޖެނަމަ، މި އަދަދު 5,000 ޔުނިޓަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ޔުނިޓްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށްވެސް ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެއެވެ. މި ބިޔަ މަޝްރޫއަށް ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ އިންވެސްޓްކުރެވޭނެއެވެ.
މީގެ ސަބަބުން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ޖީޑީޕީއަށް 3 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ބޭންކުން އަންދާޒާކުރެއެވެ. މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށް ލުއި އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ބައެކެވެ.

