ބަރަކާތްތެރި ރަމަޟާން މަހުގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ރެސްޓޯރެންޓްތައް ހުޅުވައިގެން ހާމަކަން ބޮޑު ގޮތުގައި ފަތުރުވެރިންނަށް ކާން ދިނުން ހުއްޓާލަން ޖެހޭކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
"ރަމަޟާން މަހުގެ މަތިވެރިކަން" މަޢުޟޫއަށް ޚާއްސަކޮށް ރޭ އޮތް މި ރަމަޟާންމަހުގެ ފުރަތަމަ އިހްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ރަމަޟާން މަހަކީ ޙުރުމަތްތެރިވެގެންވާ މައްސަރެއް ކަމަށެވެ. އެހެން ކަމުން މި މައްސަރުގެ ޙުރުމަތާއި ޤަތަރު ހިފެހެއްޓުމަށް ވަޒީރު ވަނީ އެންމެހާ ދިވެހިންގެ ކިބައިން އެދިވަޑައިގެންފައެވެ. ޚާއްސަކޮށް މިމަހަކީ ކީރިތި ޤުރުއާން ބާވާލެއްވި މައްސަރަށްވުމުން އެކަމުގެ މާތްކަމަށާއި އަދި މިމަހުގައި އަންނަ އެންމެ މާތް ރޭ ލައިލަތުލްޤަދުރިވިލޭރޭގެ މާތްކަމަށް ވަޒީރު އަލިއަޅުވާލެއްވިއެވެ.
ވަޒީރު ވަނީ ރަމަޟާން މަހަކީ ދުޢާގެ މޫސުންކަން ފާހަގަކުރައްވާ އަޅުގަނޑުމެންނަށް ދިމާވާ އެކި ދަތިތަކާއި އުނދަގޫތަކާއި އުޚުރަވީ ހަޔާތަށްޓަކައި ކުރާ އުންމީދުތަކުގެ ވާހަކަ ﷲ ސުބްހާނަހޫ ވަތަޢާލާއަށް ދެންނެވުމަށް ނަޞޭހަތްތެރިވެފައެވެ. އެގޮތުން ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމްގެ މާތް ސުންނަތުން ވަރަށް ގިނަ ދުއާތައް އުނގަންނަވައިދެއްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިފަދަ ދުޢާތަކުން އިލްހާމްކޮށްދެނީ ﷲ ސުބުހާނަހޫ ވަތަޢާލާއައި އެކަލާނގެ އަޅާއާ ދެމެދު އޮންނަންވީ ވަރުގަދަ ގުޅުންކަމަށާއި އެ ގުޅުން ޤާއިމްކޮށްފިނަމަ ބާއްޖަވެރިކަން ދެއްވާނެކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވަނީ ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް ހެޔޮގޮތުގައި ހޭދަކުރުމަށް އަޒުމް ކަނޑައެޅުމަސް ގޮވާލައްވާފައެވެ.
ވަޒީރު ޝަހީމް ވުދާޅުވީ، ދީނަށްވުރެ މުހިއްމުކަމެއް އޮވެގެން ނުވާނެ ކަމަށާ، ދީނުގެ ހުރުމަތްތެރިކަން ކެނޑިގެން ހިނގައްޖެނަމަ ހެދިބޮޑުވެގެން އަންނަ ޖީލުތަކުގެ ހިތްތަކުގައި އިސްލާމްދީނާ މެދުގައި އޮންނަ ހައިބަތާއި ޤަދަރާއި ކަރާމާތް ނެތިގެން ހިނގައިދާނެ ކަމަށެވެ. ވުމާއެކު އެކަންކަމާމެދު އެންމެންވެސް ވިސްނަން ޖެހޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އެހެން ކަމުން ވަކިން ޚާއްސަކޮށް ލޯކަލް ޓޫރިޒަމް އޮތް ރަށްރަށުގައި ދިރިއުޅޭ މީހުން ރަމަޟާން މަހުގެ ޙުރުމަތަށް އުނިކަން އަންނަ ފަދަ ކަންކަން ނުކުރުމަށް ވިސްނަންޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރޯދަމަހު ފަތުރުވެރިންނަށް ކާން ދިނުމާއި ގުޅޭ ގޮތުން ޤާނޫނާއި ޤަވާއިދުތައް ހެދިފައި ހުރިއިރު ކައުންސިލުތަކުން އެ ޤަނޫނުތަކާއި ޤަވައިދުތައް ތަންފީޒް ކުރަން ޖެހޭނެކަމަށް ވަޒީރު ޝަހީމް ވަނީ ފަހަގަ ކުރައްވާފައެވެ.

