logo

ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް ސަބްސިޑީ ދޭން ނިންމައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓިއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮލިބޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މި މަސައްކަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާ މެދު ބޮޑުކަންނެލި މަސްވެރިންގެ ކޮމިއުނިޓީއާއި މަޝްވަރާކޮށް އެސްޓިއޯއިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން މިހާރުވަނީ ނިންމަވާފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަމަކީ ރާއްޖޭގައި މައިގަނޑުކޮށް ކުރާ އެއް ބާވަތުގެ މަސްވެރިކަމެވެ. ފެބްރުއަރީމަހު މިފްކޯއަށް އެކަނި 400 އަށްވުރެ ގިނަ ދޯނިން 127 ޓަނުގެ ބޮޑު ކަންނެލި ކިރުވާފަވެއެވެ. އަދި ގާތްގަނޑައަކަށް 3 މިލިއަނެއްހާ ރުފިޔާ ދޫކޮށްފައިވެއެވެ.

ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ad