logo

ސްޓޭޓް ފާރމާރ ގެ ބޭސް ފިހާރަ ހުޅުވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
15 ގަޑިއިރު ކުރިން

ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް، އުފެއްދި ކުންފުނި ސްޓޭޓް ފާރމާރ ގެ ބޭސް ފިހާރައެއް އައިޖީއެމްއެޗްގައި ހުޅުވައިފިއެވެ.

"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި، އުފެއްދި ކުންފުންޏަކީ މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އުފައްދަވައިފައިވާ ކުންފުންޏެކެވެ.

މިއަދު އައިޖީއެމްއެޗްގައި ފުރަތަމަ ފަހަރަށް ބޭސް ފިހާރަ ހުޅުވާ ވާހަކަފުޅު ދައްކަވަމުން ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. މުޙައްމަދު ޝާހު މާހިރު ވިދާޅުވީ އައިޖީއެމްއެޗްގައި ހުޅުވުނު ފާމަސީއަކީ ފުރަތަމަ މިފަދަ ބޭސްފިހާރަ ކަމަށްވި ނަމަވެސް އަދި އިތުރު ބޭސްފިހާރަތަކާއި ހިދުމަތްތައް އިތުވާނެ ކަމަށެވެ. މި ބޭސް ފިހާރަ ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައި ބޭހަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމާއި ބޭސް ރާއްޖެ އަށް ގެނައުމުގެ ދަތިތަކަށް ހައްލެއް ހޯދުން ކަމަށެވެ.

ޝާހު މާހިރު 6 މޭ 2026 ގަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސެސް(އެސްއޯއީ) ކޮމިޓީގައި މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ ބޭސް ފިހާރަ އެއް ހުޅުވުން މުހިންމު ކަމަށާއި، އަހަރުތަކެއް ވަންދެން އަޅާނުލެވި އޮތް ބޭހުގެ މައްސަލަތައް ހައްލުކުރުމަށް މިހާރު އަމަލީ މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ. މިގޮތުން، އައިޖީއެމްއެޗްގައި އަލަށް ގާއިމުކުރާ ފާމަސީ މެދުވެރިކޮށް، ރާއްޖެއިން ލިބެން ހުންނަ އެންމެހާ ބޭސްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދަވާނެ ކަމަށެވެ.

މިއަދު އައިޖީއެމްއެޗްގައި ސްޓޭޓް ފާރމާރ ގެ ބޭސް ފިހާރައެއް ހުޅުވާފައިވާއިރު، ރާއްޖެއަށް ބޭނުންވާ މުހިންމު ބޭސްތައް މިހާރު އެ ކުންފުނި މެދުވެރިކޮށް ވަނީ ގެންނަން ފަށާފައެވެ. އާ ކުންފުނިން މަސައްކަތްތައް ފެށުމުން ބޭސް ލިބުމުގައި ހުރި ދަތިތަކަށް ލުއިތަކެއް ލިބޭއިރު، އަދި ކުންފުނީގެ އޮޕަރޭޝަންތައް ފުރިހަމަ ބާރުމިނުގައި ހިނގަން ފެށުމުން މިހާރަށްވުރެ މާ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް ބެލެވެއެވެ.

ޝާހް ވިދާޅުވީ ހާއްސަކޮށް މިއަދު ހުޅުވުނު ބޭސް ފިހާރައަކީ މިފަދަ ފުރަތަމަ ފިހާރަ ކަމަށްވި ނަމަވެސް މިއީ މަސައްކަތުގެ ފެށުން ކަމަށާއި، މި ހިދުމަތުގެ ދަށުން ބޭސް ސިޓީ ބަލައިގަތުމާއި، އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެންތިބޭ ބަލި މީހުންނަށް ފަރުވާ ލިބުމުގަ ވެސް ސާވިސް ރަނގަޅުވާނެ ކަމުގެ ހެއްކެއް ކަމަށެވެ.

މި ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މަޤްސަދުގައި، "ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ"، ގެ ނަމުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޯ.ޕީ.ޑީ ސަރަހައްދުގައި މިހާރު ފާމަސީއެއް ހުޅުވާފައިވާއިރު، މިއީ މި ކުންފުނީގެ ދަށުން ހުޅުވުނު ފުރަތަމަ ފާމަސީ އެވެ. މިއީ ފެންވަރު ރަނގަޅު ބޭހާއި ޞިއްޙީ އާލާތްތައް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް މި ކުންފުނިން ކުރަމުންދާ މަސައްކަތުގައި ހާސިލުކުރެވުނު މުހިންމު ކުރިއެރުމެކެވރ.

ބޭސްފަރުވާގެ ޚިދުމަތްތައް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ކޮންމެ ވަގުތަކުވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، މި ފާމަސީއަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ފާމަސީއިން ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ޚާއްޞަ އިންތިޒާމުތައްވެސް ވަނީ ޤާއިމުކުރެވިފައެވެ. މި ނިޒާމުގެ ދަށުން، ރާއްޖޭގެ ބާޒާރުން ލިބެން ނެތް ބޭސްތައް ބޭރުގެ މާކެޓްތަކުން ހޯދައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި ކުންފުނިން ކުރިޔަށްގެންދާނެއެވެ. އަދި އައި.ޖީ.އެމް.އެޗް އާއި ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށް (އިންޕޭޝެންޓުންނަށް) ބޭނުންވާ ބޭހާއި، ފަރުވާއަށް ބޭނުންވާ ސިއްޙީ އާލަތްތައް ސީދާގޮތެއްގައި ފޯރުކޮށްދިނުމުގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މި ކުންފުނިން މިހާރު ދަނީ ވަމުންނެވެ.

ސްޓޭޓްފާމާގެ މައިގަނޑު އެއް އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން މި ކުންފުނިން ދަނީ، ރައްޔިތުންގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 24 ގަޑިއިރު ޚިދުމަތްދޭ ހޮޓްލައިނެއް ގާއިމުކުރުމުގެ އިތުރުން، 01 އޭޕްރިލް 2026 އިން ފެށިގެން ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް ފަސޭހަކަމާއިއެކު ޚިދުމަތައް އެދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން، "ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ" މެދުވެރިކޮށް ބޭސްސިޓީ ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެ ކުންފުނިން ދެކެއެވެ.

ad