ސިނަމާލެއާއި މާލެ ހިޔާ ފްލެޓްތައް މަރާމާތުކުރުމަށް އެސެސްމެންޓް ހެދުމަށް ނިންމާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ސިނާމާލެއާއި މާލޭ ހިޔާގައި ދިރިއުޅޭ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ، ވަނީ ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ ޝަކުވާތައް އަޑުއައްސަވާފައެވެ.
ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިނަމާލެ އަދި މާލެ ހިޔާގައި ދިރިއުޅޭ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ޢިމާރާތްތަކުގެ މެއިންޓެނެންސާ ގުޅޭ ގިނަ މައްސަލަތަކެއް އެފަރާތްތަކުން ފާހަގަކޮށްފައިވާކަމަށެވެ.
އެ އިމާރާތްތަކަކީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިހުރި ތަންތަން ނަމަވެސް މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށްވާތީ، އެތަންތަން މަރާމާތުކުރުމަށްޓަކައި އެ ވުޒާރާގެ ފަރާތުން އެ އިމާރާތްތަކުގެ އެސެސްމެންޓެއް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއީ އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ޙައްލުތައް ގެނައުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ސަރުކާރުން ވަނީ ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތައް ތަޅާލާ، އެ ފަރާތްތަކަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ އައު މަޝްރޫއުއެއް ކުރިއަށްގެންދާނެކަން ހާމަކޮށްފައެވެ.
އެތަންތަން މަރާމާރުކުރުމަށް ނިންމިއިރު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ކޮންމެ ފްލެޓަކަށް 100,000 (އެއްލައްކަ) ރުފިޔާގެ އިނާޔަތެއް ދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.
އެއީ، ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދެއްވުމަށާއި ފްލެޓްތައް ބައުވެ، ސްޓްރަކްޗަރ ހަލާކުވެފައިވާތީއާއި، އެކަމަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި ދޭ އެއް ލައްކަ ރުފިޔާއެވެ. އެ ފައިސާ ދޭނީ ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދުން އުނިކުރުމަށްފަހުއެވެ.

