logo

ޔޫއޭއީ ސަފީރަކަށް ޠާރިޤް، ޤަތަރަށް އާދަމް ޝަރީފު އައްޔަންކުރަނީ

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ކުރީގެ ދެ ވަޒީރުން ކަމުގައިވާ ޠާރިގް އިބްރާހިމް އާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމުގެ މައްސަލަ ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އެ ދެބޭފުޅުން މިވަގުތު ތިއްބެވީ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖުގެ މަޤާމުގައެވެ.

ދެބޭފުޅުން ސަފީރުންގެ ގޮތުގައި އައްޔަނު ކޮށްދެއްވުމަށްއެދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ވަކިވަކިން ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވާ ގޮތުން ޠާރިޤް އިބްރާހީމް އައްޔަން ކުރައްވަން ނިންމަވާފައިވަނީ އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ.

އަދި އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ދިވެހިރާއްޖޭން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ. ޠާރިޤަކީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ ވަޒީރުގެ މަޤާމާއި ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ ވަޒީރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އާދަމް ޝަރީފް މީގެ ކުރިން ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރުގެ މަޤާމުގައެވެ.

އެ ދެބޭފުޅުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވެއެވެ.

ދެ ބޭފުޅުން ސަފީރުންނަށް އައްޔަނު ކުރުމުގެ މައްސަލަ ކަމާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

ad