ހއ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ އަށެވެ.
ސިއްހީ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި އެމްޓީސީސީ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަރީފް އަބްދުލްރަހްމާން ޔޫސުފެވެ.
މި މަޝްރޫއުގެ ދަށުން ފޭސް 1 ގައި ޓާޝަރީ ފެންވަރަށް ހިދުމަތް ގެނައުމަށް އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ތަނުގައި ހުރި ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު، ސީއެސްއެސްޑީ އަދި މިނޫންވެސް ހިދުމަތްތައް ހޮސްޕިޓަލްގެ އެހެން ތަނަކަށް ބަދަލު ކުރުމެވެ. އަދި ފޭސް 2 ޓާޝަރީ ފެންވަރަށް ހިދުމަތް ގެނައުމަށް އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތުގެ މަސައްކަތްކުރުން ހިމެނެއެވެ.
