logo

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި، އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަވީއްލުމެއް ބާއްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ކުއާލަލަންޕޫރުގެ ޖޭ.ޑަބްލިޔު މެރިއެޓް ހޮޓަލުގައި ބޭއްވި މި ރޯދަވީއްލުމަކީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އާދަކާދައިގެ މަތިން މިއަހަރުވެސް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ހޯކްސް ޕްރައިވެޓް ލިމިޓެޑް" އިން ސްޕޮންސަރުކޮށްދިން މި ހަފްލާގައި، މެލޭޝިޔާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނާއި ކިޔަވާކުދިން ބައިވެރިވެފައިވެއެވެ.

މި ހަފްލާގެ ތެރެއިން ވަނީ، މެލޭޝިޔާގައި ކިޔަވާ ދަރިވަރުންގެ ޖަމިއްޔާ ކަމަށްވާ މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން، މެލޭޝިޔާ (އެމް.އެސް.އޭ.އެމް) ގެ އަލަށް ހޮވުނު އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ތައާރަފުކޮށްފައެވެ. އަދި އެ ޖަމިއްޔާގެ ފަރާތުން ކުރިއަށް ރޭވިފައިވާ މުހިންމު ޕްރޮގްރާމްތަކުގެ މައުލޫމާތު އެތަނަށް އެއްވި ދިވެހި ކޮމިއުނިޓީއާ ހިއްސާކޮށްފައިވެއެވެ.

ރަމަޟާން މަހުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން ހައިކޮމިޝަނުގެ މުވައްޒަފުން އިސްނަގައިގެން "ތިޔަބޭފުޅުންގެ ފުރުސަތު" ނަމުގައި ހާއްސަ ނަސީބު ގުރުއަތެއްވެސް މި ހަފްލާގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި ގުރުއަތުގެ ދަށުން ޖުމްލަ 11 އިނާމެއް ބައިވެރިންނަށް ހުށަހަޅާފައިވެއެވެ. މި އިނާމުތަކުގެ ތެރޭގައި އަގުހުރި ހަދިޔާތަކެއް ހިމެނުނެވެ. މިގޮތުން 58 އިންޗީގެ ޓީ.ވީއެއްވެސް މި ގުރުއަތުގައި ހިމެނިފައިވެއެވެ.

ad