މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން ފަސިންޖަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ގިނަ މަސައްކަތްތަކެއް ފަށައިފިއެވެ.
އެގޮތުން 28 މާރިޗު 2026 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޑިސްރަޕްޝަން މެނޭޖްމެންޓް ސެންޓަރެއް ޤާއިމްކުރެވި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފެށިފައިވެއެވެ. މި މަސައްކަތުގެ ތެރެއިން ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށްޓަކައި ޑޮމެސްޓިކް ޓަރމިނަލް މިހާރު އަންނަނީ ބޭނުންކުރެވެމުން ކަމަށާއި، އެ މަސައްކަތުގައި ކަމާގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު، ރޭގެ ނިޔަލަށް 130 ފަސިންޖަރުންނަށް ޒަރޫރީ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ.
ގުޅުންހުރި ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު 28 ފެބްރުއަރީ 2026 ގައި ޖުމްލަ 9 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 1,716 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. 1 މާރިޗު 2026 ގައި 19 ފްލައިޓެއް ކެންސަލްވެ، ގާތްގަނޑަކަށް 3,530 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވެއެވެ.
މި ހާލަތުން އަރައިގަތުމަށްޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި، ވިޒިޓް މޯލްޑިވްސްއާއި އެއަރލައިންތަކުގެ އިތުރުން ޓުއަރ އޮޕަރޭޓަރުންނާއި ގުޅިގެން، ފަސިންޖަރުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން މި އަންނަނީ ކުރަމުންނެވެ.
ކެންސަލްވެފައިވާ ފްލައިޓުތަކުގެ އެއަރލައިންތަކަށް ޚާއްސަ ސަރވިސް ކައުންޓަރުތައް ޑޮމެސްޓިކް ޓާމިނަލްގައި ވަނީ ގާއިމުކުރެވިފައެވެ. އަދި ފަސިންޖަރުންނަށް އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެއަރލައިންތަކުގެ މަންދޫބުން ހަރަކާތްތެރިވަމުން އަންނަކަން މި ފުރުސަތުގައި ފާހަގަކުރަމެވެ.
ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންނަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

