ކުރީގެ ޑެޕިއުޓީ ކޮމިޝަނަރގެ މަޤާމު އަދާކުރައްވާފައިވާ ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައިކަމަށެވެ.
ރައީސް ވިދާޅުވީ ޢަބްދުއްޝަކޫރަކީ ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް، އަދި ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއްކަމަށެވެ. އަދި މުޅި ޙަޔާތްޕުޅުގައިވެސް ޤައުމު އިސްކުރެއްވި އިޚުލާޞްތެރިއެއްކަމަށެވެ.
ހިތާމައިގެ މި ވަގުތު، ޢާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތަޢުޒިޔާ ދަންނަވާކަމަށާއި އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ ލެހެއްޓެވުން އެދި ހެޔޮ ދުޢާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ މަރްޙޫމް ޢަބުދުއްޝަކޫރުގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
ޢަބްދުއްޝަކޫރުވަނީ 30 ޑިސެންބަރު 1965 ން ފެށިގެން 31 އޮގަސްޓު 2004ގެ ނިޔަލަށް، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގައި އަދި 1 ސެޕްޓެންބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތަށް ބަދަލުވެވަޑައިގަތުމަށްފަހު، އިޚުލާޞްތެރިކަމާ އެކު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.
ޢަބްދުއްޝަކޫރު ޢަބްދުﷲ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު، 4 މާރިޗު 2009ގައި ރިޓަޔަރ ކުރެއްވިއިރު، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ. އޭގެތެރެއިން ސިފައިންގެ ޚިދުމަތުގައި 39 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއެވެ.

