ރާއްޖޭގައި ދިރިއުޅޭ ބަންގްލާދޭޝް މީހަކު އޭނާގެ އަނބިމީހާ ރާއްޖެއަށް ގެނެސް ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން އޭނާ ލައްވައި ހަށިވިއްކަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ނަހީދުލް އިސްލާމްއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ހިއުމަން ޓްރެފިކްކުރުމުގެ ތުހުމަތެވެ.
މި މައްސަލައިގައި ފުލުހުން ކޯޓުގައި ބުނީ އެ ފިރިހެން މީހާ އޭނާގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން ހަށިވިއްކުވާ ކަމަށް އަންހެން މީހާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި ފިރިހެން މީހާ ކޯޓުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރާ އެއްވެސް ކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވަނީ، ނަހީދުލް އިސްލާމްގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން، އޭނާ ލައްވައި ހަށިވިއްކުމުގެ ކަންކަން ކުރުވާކަމުގެ މަޢުލޫމާތު އެ އަންހެން މީހާގެ ފަރާތުން ލިބިފައިވާކަމަށް މައްސަލަ ތަޙުޤީޤުކުރާ އައި.އޯ ފާހަގަކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ކޯޓުގައި ނަހީދުލް އިސްލާމް ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
މި މައްސަލައިގެ ބަންދު އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ތަރުޖަމާނަކާއި ވަކީލަކާ އެކުގައެވެ. ކޯޓުން ކަނޑައަޅާފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.
އޭގެ ތެރޭގައި ހާދިސާ ރިޕޯޓާއި ފުލުހުންގެ ބަޔާނާއި އަނިޔާ ލިބުނު މީހާއާ ގުޅޭ ލިޔެކިޔުންތައް ހިމެނެއެވެ. އެހެންކަމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި އެ ފިރިހެން މީހާ ތަހުގީގަށް 10 ދުވަހު ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

