މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން ވަހީދުގެ މައްސަލަ ފުލުހުން ތަހުގީކޮށްފައިވަނީ އެއްވެސް ފަރާތެއްގެ ނޫފޫޒެއް އޮވެގެން ނޫންކަމަށާއި ތަހުގީގު ނިންމާފައިވަނީ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު 25 އަހަރަށް ޖަލަށްލާން ހުކުމް ކުރުމުގެ ކުރިން ޝަމްޢާން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ޝަމްޢާން ވަނީ، އޭނާގެ މައްޗަށް ހުކުމް ކުރަނީ ދައުލަތުގެ ވެރިން އަންގަވައިގެން ކަމަށް ތުހުމަތުކުރައްވާފައެވެ. އެ މައްސަލައަކީ ދާހިލީ ވަޒީރު އަލީ އިހުސާންގެ އަމުރަށް، ވަކި ބަޔަކު ބޭނުންކޮށްގެން އޭނާ ފްރޭމްކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށް ވެސް ޝަމްޢާން ތުހުމަތުކުރެއްވިއެވެ.
މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ބަޔާނުގައި މުޙައްމަދު ޝަމްޢާން ވަޙީދާއި މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނުހައްގު މާލީ މަންފާ ހޯދައި، އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ ޢަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ކުރި ތަހުޤީޤުގެ ތަފްސީލްތައް ވަނީ ހިއްސާކޮށްފައެވެ. ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފެށުމާއެކު އެކި މަރުހަލާތަކުގައާއި، މައްސަލައިގެ ތަހުގީގު ހޯދުންތައް މީޑިއާއާ ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ތަހުގީގަށް ލިބުނު މައުލޫމާތުން އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއް ރޭވުމުގެ މަރުހަލާއިން ފެށިގެން އެ އޮޕަރޭޝަން ތަންފީޒުކުރުމާ ހަމައަށް ހިނގި ހުރިހާ ކަމެއް ޝަމްޢާން އެނގޭކަން ތަހުގީގަށް ވަނީ ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ އޮޕަރޭޝަން މިދިޔަ އަހަރުގެ މާރިޗު މަހުގެ 11ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނަމަވެސް އޭގެ ހަފްތާއެއްހާ ދުވަސް ކުރިން ޝަމްޢާންގެ އޮފީހުގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔަކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުންޏެއެވެ.
މިމައްސަލައާ ގުޅުންހުރި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައިރޭ، އެ މައުލޫމާތު ޝަމްޢާންނަށް ދީފައިވެއެވެ. އެއަށްފަހު، ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމުގެ އިޖުރާއަތްތައް ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، ސްޕޮންސަރުގެ ނަމުގައި އީމެއިލް މެދުވެރިކޮށް ފޮނުވި ސިޓީއެއް އިމިގްރޭޝަނަށް ލިބުމާއެކު، އެއީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މީހާ ދޫކޮށްލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާގުޅޭ މުވައްޒަފުންނަށް ޝަމްޢާން އިރުޝާދު ދިންކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މީގެ އިތުރުން ބިދޭސީ މީހާ ދޫކުރުމަށް ފަހު، އެ މައްސަލައިގައި ތުހުމަތުކުރެވޭ އިމިގްރޭޝަންގެ ދެ މުވައްޒަފަކު އެ މީހާ ގޮވައިގެން އިމިގްރޭޝަންގެ ވެހިކަލެއްގައި މާލެ ތެރޭގައި ދަތުރުކުރި ކަމަށް ފުލުހުން ބުނެއެވެ. މި ދަތުރުގެ ތެރޭގައި، އެ މީހާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފައިސާއާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ފައިސާގެ އަދަދު ކަށަވަރުކުރުމަށް ޝަންމާޢާންނަށް ގުޅާފައިވާކަން އެނގިފައިވާކަމަށް ވެސް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ. ބިދޭސީ މީހާ ދޫކޮށްލުމުގެ ބަދަލެއް ގޮތުން ނަގާފައިވަނީ 500،00 ރުފިޔާއެވެ.
އިމިގްރޭޝަން ވެހިކަން ޕާކް ކުރުމަށް ފަހު ޝަމްއާން ދިރިއުޅޭގެ ހުންނަ ސަރަހައްދަށް ދިޔަ ގޮސް ޝަމްޢާން ދިރިއުޅޭ އެޕާޓްމެންޓް އިމާރާތަށް ވަދެފައިވަނީ ދަންވަރު 3:00ގައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެތަނަށް އެ މުވައްޒަފުން ދިޔައީ ފައިސާ ހުރި ކޮތަޅެއް ހިފައިގެންކަމަށް ފުލުހުން ބުނެއެވެ. އެމުވައްޒަފުން އެ އިމާރާތުން 3 މިނެޓު ފަހުން ނިކުތް އިރު ފައިސާ ކޮތަލޫ ނެތް ކަަމަށް ފުލުހުން ބުނެއެވެ. އޭގެ ޖެހިގެން އައި މާރިޗު 13 ވަނަ ދުވަހު، ޝަމްޢާން ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ދެ އެކައުންޓަކަށް ޖުމްލަ 259,837.35 (ދެލައްކަ ފަންސާސް ނުވަހާސް އަށްސަތޭކަ ތިރީސް ހަތް ރުފިޔާ ތިރީސް ފަސް ލާރި) ޖަމާކޮށްފައިވާކަން ވެސް ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ތަހުގީގަކީ ވަކި ނަތީޖާއެއް ނެރުމަށް ދުރާލައި ރާވައިގެން ހިންގި ތަހުގީގެއް ނޫން ކަމަށާއި، ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ ނުވަތަ އެހެންވެސް ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ހިލާފު ތުހުމަތު ތަކެއް ކަމަށެވެ. އަދި ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުއައްސަސާއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތައް ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލާގައި ޝަމްޢާން ފޯނުގެ ކޯޑު ދީފައި ނުވުމުން އޭނާ ފޯނު ބަލައި ތަހުގީގަށް މައުލޫމާތު ނެގިފައި ނުވާކަން ފުލުހުން ފާހަގަކުރެއެވެ. އަދި ޖޫން 09 ވަނަ ދުވަހު ޝަމްޢާން، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އޭނާގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް މީޑިއާ މެދުވެރިކޮށް ބުނި ނަމަވެސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި އަދި މިދިޔަ އަހަރު ޑިސެމްބަރު 25 ވަނަ ދުވަހު ޝަމްޢާން ބަންދުން ދޫކޮށްލިފަހުން މިނިވަނެއްގެ ގޮތުގައި އުޅުނުއިރުވެސް އެފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްފައެއް ނުވާ ކަމަށް ވަނީ ބުނެފަ އެވެ. ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮންނަ އެހެން އެއްވެސް މުއައްސަސާއަކަށްވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިފައެއް ނުވާ ކަމަށް ވެސް ބުންޏެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގާ ހުރިހާ ތަހުގީގު ތަކަކީވެސް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށްގެންދާ ތަހުގީގުތަކެއް ކަމަށާ ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުންވެސް، އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، ގަނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި އެ އޮފީހުން ދައުވާ އުފުލުމާ ގުޅިގެން ކުރިއަށްދިޔަ ޝަރުއީ މަރުހަލާތަކުގައި ހުށަހެޅުނު ހެކިތަކުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުން މިހާރު ވަނީ މި މައްސަލައިގައި ހުކުމް އިއްވާފައެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން ކަނޑައެޅިފައިވާ އަދުލުގެ ނިޒާމަށާއި، ފަނޑިޔާރުގޭގެ މިނިވަންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާ ކޯޓަކުން ނިންމާފައިވާ ނިންމުމަކާމެދު އެއްވެސް ފަރާތަކުން ހިތްހަމަނުޖެހޭނަމަ ނުވަތަ އެ ނިންމުމެއް މުރާޖައާކުރަންޖެހޭކަމަށް ދެކޭނަމަ، އެކަމަށް އޮތް ގާނޫނީ ހައްލަކީ ޝަރުއީ ނިޒާމުގެ ތެރެއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ހައްގުގެ ބޭނުން ކުރުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދެކޭ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.

