އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ކުރަންޖެހޭ ސަރވޭގެ މަސައްކަތް އެމްޓީސީސީއިން ކުރިއަށްގެންގޮސްފިއެވެ.
އެމްޓީސީސީއިން ދަނީ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށުމައް ތައްޔާރުވަމުންނެއެވެ.
އެމްޓީސީސީއިން ބުނީ، މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭތަކުގެ ތެރެއިން، އަމީނީ މަގުގައި ކޯ ކަޓިންގގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މާލޭގެ މަގުތައް ތަރައްގީކުރުމުގެ މި މަޝްރޫއުގެ ދަށުން އަމީނީ މަގާއި، އިއްޒުއްދީން މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކަކީ އާންމުންނަށް ބޭނުންކުރަން އަމާން އަދި ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ މަގުތަކަކަށް ހެދުންކަމަށް އެމްޓީސީސީއިން ބުނެއެވެ.
މިއަދު އެމްޓީސީސީން ބުނީ، މަރާމާތުގެ ކުރިން ކުރަންޖެހޭ ސާވޭގެ ތެރެއިން އިއްޔެ ވަނީ ތާރުގަނޑު ކަފައިގެން ހަދަންޖެހޭ ސާވޭގެ މަސައްކަތް ކޮށްފައި ކަމަށެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން އަމީނީ މަގު، އިއްޒުއްދީން މަގު، ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުން ހިމެނޭއިރު، އެ މަސައްކަތުގެ ސަބަބުން މާލޭގެ މަގުތަކަކީ ރައްކާތެރި އަދި ދަތުރުފަތުރަށް ފަސޭހަ މަގުތަކަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މި މަގުތައް އަޑިގުޑަންތައް ގިނަވުމާއެކު އާންމުންގެ ފަރާތުން އަންނަ ޝަކުވާތަކާއި ގުޅިގެން އެމަގު މަރާމާތު ކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނިމިދިޔަ ސަރުކާރުން 2023 ވަނަ އަހަރުގައެވެ. އެއީ 84.4 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މަސައްކަތުގެ އެންމެ ފަހު ބައި ނިންމައި، އާންމުންނަށް މަގު އެއްކޮށް ހުޅުވީ 2024 ވަނަ އަހަރުގެ ކުރީކޮޅެވެ.

