އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު އެމްޑީޕީން ހުށަހެޅީ ހަޖަމު ނުވެގެން ކަމަށާއި އެ މައްސަލަ މަޖިލީހުން ފެއިލްކޮށްލާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު، އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރުން ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
އެކަމާއި ގުޅިގެން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ސައީދުގެ އިތުބާރު ބެތް ކަމަށް އެމްޑީޕީއަށް ގަބޫލު ކުރެވެނީ އެމްޑީޕީގެ ވެރިކަމުގައި ނުހެދުނު އެތައް ފްރީ ޓްރޭޑް އެގްރީމެންޓެއް އަވަށްޓެރި ގައުމުތަކާއެކު ހެދި ރައީސް، ޑރ. މުޙައްމަދު މުުއިއްޒުގެ ވިޔަފާރީގެ ފަހި ސިޔާސަތުގެ ދަށުން ދިވެހި ރައްޔިތުންނަށް އެ އެގްރީމެންޓްތަކުގެ ދަށުން އެތައް ފައިދާއެއް ލިބެމުން އަދި ލިބޭނެތީ އެކަމާއި ހަޖަމު ނުވެގެން ކަމަށެވެ.
ޝުޖާއު ވިދާޅުވީ، އެމްޑީޕީން ހުށަހެޅި އެ މައްސަލަ ފެއިލްކޮށްލާނެ ކަމަށެވެ.
ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވަނީ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާއި ހިލާފުވެ، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އަޅަމުންދާތީ ކަމަށް ބުނެއެވެ. އަދ ިއިގުތިސާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވުން ހިމެނެއެވެ.
