ރާއްޖޭގެ އިންޝުއަރެންސާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް ބޭނުންވާ މުހިންމު ދެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
ގެޒެޓުގައި ޝާއިޢުކޮށްފައިވާ މި ދެ ގަވާއިދަކީ 'އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު' އަދި 'އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު' އެވެ.
އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދަކީ ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ރިސްކުތައް ކަނޑައެޅުމަށާއި، އެފަދަ ރިސްކެއް ކަވަރކުރުމަށްޓަކައި ރާއްޖޭގައި ހިންގާ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.
މީގެއިތުރުން، އޮތޯރިޓީގެ ވެބްސައިޓްގައި ބަޔާންކުރާ ހާލަތްތަކުގެ އިތުރުން އިސްތިސްނާ ހޯދުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އާންމު މާއްދާތަކުގެ ގަވައިދަކީ އިންޝއަރެންސްއާ ބެހޭ ގާނޫނުގައި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަށް ނުވަތަ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކުގެ ބޭނުމަށް އެކުލަވާލާފައިވާ ގަވައިދެކެވެ.
މިގޮތުން، މި ގަވާއިދުގައި ހިމެނޭ މުހިއްމު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ގާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ބްރޯކަރކަމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތާއި، އިންޝުއަރެންސްއާބެހޭ ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ.

.jpg&w=256&q=75)
