logo

މީޑިއާ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިޔާމާ އިބްރާހިމް
3 ގަޑިއިރު ކުރިން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްބީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަރުޝަތު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނުގައި ބަޔާންކޮށްފައިވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މަޤާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 16 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުން، މެންބަރުކަމުގެ މަގާމުގައި ދެމިތިބޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

އެ ގާނޫނުގެ ދަށުން މެންބަރުކަމަށް އައްޔަންކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް 2 ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެ އެވެ.

އެ ކޮމިޝަން އެކުލެވިގެންވަނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންގެ މައްޗަށެވެ.

މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނަކީ، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި، އެހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.

ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ހަ ބޭފުޅުންނެވެ.

ad