ބައިނަލްއަޤްވާމީ މީޑިއާތަކަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ޕާޓްނަރުންނަށް "ވިޒިޓް މޯލްޑިވްސް އިޔަރ 2027" ރާއްޖެއިން ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިކަން ރަސްމީކޮށް އިފުތިތާހުކުރީ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަން 2026 ގައެވެ.
އަންނަ އަހަރަކީ ފަތުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.
"ވިޒިޓް މޯލްޑިވްސް އިޔަރ 2027 – ސެލެބްރޭޓް ދަ ސަނީ ސައިޑް" ކެމްޕެއިންއަކީ 2027 ވަނަ އަހަރު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި، ސަޤާފަތާއި، ދިވެހިންގެ ދިރިއުޅުން ތަޖްރިބާކޮށް، އެ ތަރުޖިބާތައް ދުނިޔެއާ ހިއްސާކުރުމަށް ފުރުސަތުދިނުމާއެކު، މުޅި އަހަރަށް ދެމިގެންދާ ރޭވިގެން ހިންގާ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ފަތުރުވެރިކަމުގެ ސިނާއަތަށް ފަހިކޮށްދިނުމެވެ.
މި ކެމްޕެއިން އިފްތިތާޙިކޮށް ތަޢާރަފުކޮށްދެއްވީ، ޓޫރިޒަމް މިނިސްޓަރ މުޙައްމަދު އަމީން އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޔާސިރުއެވެ.
މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ "ވިޒިޓް މޯލްޑިވްސް އިޔާ 2027" އަކީ ރާއްޖޭ ދުނިޔެއަށް ދައްކާލުމަށްޓަކައި ރައްޔިތުންނާއި ފަތުރުވެރިކަމުގެ ސިނާއަތް އެކުގައި ކުރާ ގައުމީ ދަތުރެއް ކަމަށެވެ.
މިއީ ދިވެހިންގެ އަމިއްލަވަންތަކަމާއި، މުއްސަނދި ސަގާފަތާއި، މެހެމާންދާރީގެ އިތުރުން ރާއްޖޭގައި ކުރެވޭ ތަފާތު ތަޖުރިބާތައް ފާހަގަކޮށް ވިޔަފާރިތަކަށާއި މުޖުތަމައުތަކަށް އައު ފުރުސަތުތަކެއް ފަހިކޮށްދޭނެ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ކެމްޕޭން އިފްތިތާޙުކޮށްފައި މިވަނީ، ރާއްޖެއިން ފަތުރުވެރިކަމުގެ ޤާއިމުވެފައިވާ މާކެޓުތަކުގައި އޮތް މަޤާމު ވަރުގަދަކުރުމަށާއި، ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
މި ކެމްޕެއިންގެ ތެރެއިން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެއެވެ. އެގޮތުން މި ސިނާއަތުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، ރާއްޖޭގައި ފަތުވެރިކަމުގެ ސިނާޢަތުގައި ހުރި ފުރުޞަތުތައް އިތުރަށް މާކެޓްކޮށް ރާއްޖެ އަންނަ ފަތުވެރިންގެ ޢަދަދު އިތުކުރުން ހިމެނެއެވެ.
ޑަބްލިއުޓީއެމް ލަންޑަން 2026 ގައި ރާއްޖެއިން ބައިވެރިވަނީ 161 މަންދޫބުންގެ ބައިވެރިވެއެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ 62 ކުންފުންޏަކުން 136 ބައިވެރިން ހިމެނެ އެވެ.

