މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ލޯނަކަށް ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ،އެ ފައިސާ ދައްކައި ހަލާސްކުރައްވާނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އެމްއައިބީން ޑުޕްލެކްސް ކުންފުންޏަށް ދޫކޮށްފައިވާ 500،000(ފަސްލައްކަ) ޑޮލަރުގެ "ސޭލް އެންޑް ލީސްބެކް ފެސިލިޓީ" އަށް އެއްބަސްވި ގޮތަށް ފައިސާ ނުދެއްކުމުން، އެ ބޭންކުން ވަނީ ލޯނަށް ގެރެންޓީ ދިން ފަސް ފަރާތަކާ ދެކޮޅަށް ދައުވާކޮށްފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޝަމްހީދު ހިމެނިވަޑައިގަންނަވާހެން އެ ފަސް ފަރާތުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 36،647.76(ތިރީސް ހަ ހާސް ހަ ސަތޭކަ ސާޅީސް ހަތް ރުފިޔާ ހަތްދިހަ ހަ) އެމެރިކާ ޑޮލަރާއި، ލޯނަށް ގަވާއިދުން ފައިސާ ނުދައްކާތީ އަރަމުންދާ ޖޫރިމަނާ އަދި ޗެރިޓީ ފައިސާ ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މިކަމާ ގުޅިގެން ޝަމްހީދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ ކުރީގެ ރައްޓެހިންތަކަކާ އެކު އޭނާ އުފެއްދެވި ކުންފުންޏެއް ކަމަށާއި ނަމަވެސް، ކުންފުނި ހިންގުމުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި، އޭނާ އެ ކުންފުނީގެ ހިންގުމާ ދުރުގައި ހުންނަވާތާ މިހާރު ހަތް އަހަރު ވެފައިވާ ކަމަށެވެ. އަދި މި ލޯނަކީ އެ ކުންފުނީގެ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނެއް ކަމަށާއި، އޭނާ އެ ލޯނަށް ގެރެންޓީ ދެއްވީ އެ ބޭފުޅުންނަށް އެހީތެރިވުމުގެ ނިޔަތުގައި ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވި ގޮތުގައި ކުންފުނިން ލޯނު ނުދައްކާކަން އެނގުނު ހިސާބުން ފެށިގެން، ކުންފުނީގެ އިސްވެރިންނާ ވާހަކަދައްކައިގެން އެކަން ހައްލުކުރަން ތަކުރާރުކޮށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެ ފަރާތްތަކުން އެއްބާރުލުން ނުދިނުމުން، އަމިއްލަ ހައިސިއްޔަތުން މިއަދާ ހަމައަށްވެސް ފައިސާ ދައްކަމުން ގެންދެވީ އޭނާ ކަމަށް ވިދާޅުވިއެވެ. އަދި މި މައްސަލަ ކޯޓަށް ހުށަހެޅުމުންވެސް ކުންފުނީގެ އިސްވެރިން އެއްވެސް ސަމާލުކަމެއް ނުދީ ޖަވާބުދާރީވެފައި ނުވާ ކަމަށާއި، މި މައްސަލައިގައި ކޯޓަށް ހާޒިރުވާން އެންގުމެއް ނެތި، މައްސަލަ ނިންމިކަން އެންގީ އީމެއިލް މެދުވެރިކޮށް ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.
ކުންފުނީގެ މިހާރުގެ ވެރިން މަސައްކަތް ކުރައްވަނީ އޭނާއާ ސިޔާސީ ގޮތުން ވާދަވެރި ކެންޑިޑޭޓަކަށް ތާއީދުކޮށްގެންކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ، އަމިއްލަ މަސްލަހަތު ހުރި ކަންކަން ސިޔާސީ ކޮށްގެން އޭނާގެ އަބުރު ނަގާލަން ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި މިއީ އޭނާގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނަކަށް ނުވި ނަމަވެސް، ގާނޫނީ ގޮތުން އޭނާގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށްވާތީ، ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ.

