ރާއްޖޭގެ ޖަލުތަކުގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ހިންގި ޖޮއިންޓް އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޖޫން މަހުގެ 22 އިން ފެށިގެން މި ޖުލައި މަހުގެ 13 އާ ހަމައަށެވެ.
ފުލުހުން ބުނީ، ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހިންގާފައިވަނީ މާލެ، ހުޅުމާލެ، ކ. މާފުށި އަދި ކ. ހިންމަފުށީގައި ކަމަށެވެ. ސްޕެޝަލިސްޓް އޮޕަރޭޝަންސް ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅެވެ.
ޖަލުތައް ބަލައި ފާސްކުރުމަށް ހިންގި މި ހަރަކާތުގައި ފުލުހުންގެ ގިނަ އަދަދެއްގެ ހާއްސަ ފަންކްޝަންތަކުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން އެސްއޯގެ ސްވަޓް ޓީމާއި ކޭނައިންޔުނިޓްގެ އިތުރުން މާލޭ ޕޮލިސް، ހުޅުމާލޭ ޕޮލިސް، ޑްރަގް އެންފޯސްމަންޓް އަދި މެރިން ޕޮލިސް މި އޮޕަރޭޝަންގައި އަމަލީގޮތުން ބައިވެރިވިއެވެ. މީގެއިތުރުން ޕްރޮޓެކްޓިވް ސެކިއުރިޓީ، މީޑިއާ، އިންޓެލިޖެންސް، ފޮރެންސިކްސް، މޭޖަ ކްރައިމް އިންވެސްޓިގޭޝަން، އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މުހިންމު ދައުރެއް މި އޮޕަރޭޝަންގައި އަދާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ކަރެކްޝްންސް އިން ފާހަގަކުރި ގޮތުގައި، ޖަލުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ފުލުހުންނާ ގުޅިގެން މިހާތަނަށް ހިންގި އޮޕަރޭޝަންތަކަށް ބަލާއިރު މިއީ އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު އެއް އޮޕަރޭޝަނެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އޮޕަރޭޝަން ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅު ވިދާޅުވީ ތިން ހަފުތާއަށް ދެމިގެންދިޔަ މި ބޮޑު ހަރަކާތުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ހުރިހާ މުއައްސަސާތަކާއި ފުލުހުންގެ ޚިދުމަތުގެ ފަންކްޝަންތަކުން ގުޅިގެން ކުރި މަސައްކަތުން އޮޕަރޭޝަނުން ބޭނުންވި ހެޔޮ ނަތީޖާ ހާސިލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

