މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަގާމަށް އައްޔަންކުރެއްވި މީރާގެ ޓެކްސް ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޒަރީރަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީ ވަނީ ރިޔާސަތުން އިއްވާފައެވެ. އެއަށްފަހުގައި ވަނީ އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ އާއި ގުޅޭ ދާއިމީ ކޮމިޓީ އަށް ފޮނުވާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ 'ހ'ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަން ކުރައްވާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރ ކަމުގެ މަޤާމު ފުރުއްވާފައިވާ ޒަރީރު އަކީ މާލީ ދާއިރާ އަށް ގިަނ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.
ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރުގެ މަޤާމަށް ޒަރީރު އައްޔަން ކުރައްވާފައި ވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒަމީރު މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ސިއްޙީ ހާލަތު ހުރި ގޮތުން އެފަދަ ބުރަ ޒިންމާ އެއް އަދާކުރެވެން ނެތުމުން ކަމަށް ވަނީ ވިދާޅުވެފައެވެ.

