logo

ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ ގައުމީ މިޝަން ކާމިޔާބުކުރަން ފުލުހުންނަށް ވަޒީރު ގޮވާލައްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަސްތުވާތަކެތީގެ ވަބާކަން ފާހަގަކުރައްވައި، މި ވަބާއިން ގައުމު ސަލާމަތްކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ މުހިންމު ގައުމީ މިޝަން ކާމިޔާބުކަމާއެކު ނިންމުމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު ފުލުހުންނަށް ގޮވާލައްވައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީް ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ ސަބަބުން ވަކިވަކި ފަރުދުންގެ މުޅި ހަޔާތް ބަރުބާދުވެ، އާއިލާތަކުގެ ތެރޭގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މުޅި މުޖުތަމައުގައި ހިންގާ އޮގަނައިޒްޑް ކްރައިމް ނުވަތަ ރާވައިގެން ހިންގާ ބޮޑެތި ކުށްތަކަށް ބޭނުންވާ ފަންޑުވެސް ހޯދަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ދިވެހި ފުލުހުންނާ އަޅުގަނޑުމެން ޙަވާލުކޮށްފައިވާނެ އެންމެ ވަރުގަދަ، އެންމެ އަޒުމް ވަރުގަދަކޮށް ހިފަހައްޓަންޖެހޭ، އަދި އެންމެ ކާމިޔާބުކަމާއެކު ނިންމަންޖެހޭ މިޝަނަކީ މި ޑްރަގުގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ އުނދަގޫ ކަމެއް ނަމަވެސް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ދިވެހި ފުލުހުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި މަސައްކަތުން ފަޚުރުވެރިވާފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އަދި އަލަށް ސަފުތަކާ ގުޅުނު ފުލުހުންނާއެކު ކުރެވޭ ބުރަ މަސައްކަތުން، މި ހިނގާ ރިޔާސީ ދައުރުގެ ބާކީއޮތް ދެ އަހަރާއި ބައިގެ ތެރޭގައި މި މައްސަލައަށް ދިވެހި ރައްޔިތުން އެދޭފަދަ ދާއިމީ ހައްލެއް ހޯދައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން ޚިދުމަތަށް ނިކުންނައިރު ކުރިމަތިލާންޖެހޭ ކުށުގެ ވެށި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. ހާއްސަކޮށް ޑްރަގް ޓްރެފިކް ކުރާ މީހުން ފައިސާގެ މުއާމަލާތް ކުރުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި، ސައިބަރ ސްޕޭސް އަދި އޮންލައިން ފްރޯޑުގެ އިތުރުން، ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ހިންގާ މަނީ ލޯންޑްރިންގ ފަދަ ކުށްތައް އިތުރުވެފައިވާތީ، ފުލުހުން ޒަމާނީ ތައުލީމާއި ހާއްސަ ތަމްރީނުތަކުގެ އެހީގައި މިކަންކަމަށް ތައްޔާރުވާންޖެހޭނެއެވެ.

މީގެއިތުރުން، ފުލުހުންގެ އެންމެ ބޮޑު ހަތިޔާރަކީ ބެޓަނާއި ޕެޕަރ ސްޕްރޭ ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހިތްތިރިކަމާއެކު ހިދުމަތް ކުރަންޖެހޭނެ ކަމަށެވެ. އަދި އޮފިސަރުންގެ އިންޓެގްރިޓީ ނުވަތަ ނަޒާހަތްތެރިކަން ކޮމްޕްރޮމައިޒްކޮށްލާ [ގެއްލުވާލާ] ދުވަހަކީ ފުލުހުންގެ ޔުނިފޯމް އެޅުމުގެ ހައްގު ގެއްލޭނެ ދުވަސް ކަމަށްވެސް މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ.

ސަރުކާރުގެ ކޮމިޓްމަންޓަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި، ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ފުލުހުން ގާއިމުވެ ތިބޭ ކޮންމެ ރަށެއްގައި ފުރިހަމަ އުމްރާނީ ވަސީލަތްތަކާއެކު ޒަމާނީ މަރުކަޒުތައް ބިނާކޮށްދިނުން ކަމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ad