logo

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމަށް ޔުނާން ޔުނިވަރސިޓީ އާއި އެންޑީއޭއާ ދެމެދު ސޮއިކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް ޗައިނާގެ ޔުނާން ޔުނިވަރސިޓީ އާއި ނޭޝަނަލް ޑްރަގް އެޖެންސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެންޑީއޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޗެއާޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ.

މި ފަހުމުނާމާގައި ވަނީ ‏މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް އަދި ޑޭޓާ ސައިންސް ބޭނުންކުރުމާ ގުޅޭގޮތުންނާއި އަދި ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ނިންމާފައެވެ.

މި ފަހުމުނާމާ މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އޭއައި ބޭނުންކޮށްގެން ހައްލުތައް ހޯދުމާއި، ދިރާސާކުރުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީނު ދިނުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ.

މި މަޝްރޫއުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

މިއަދު ސޮއިކުރި މި ފަހުމުނާމާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނޭޝަނަލް ޑްރަގް އެޖެންސީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހް ވިދާޅުވީ ކުރިއަށް އޮތްތަނުގަ މަސައްކަތް ކުރައްވާނީ މި މަސައްކަތުގެ ތެރެއިން ދިވެހިންނާ ރައްޓެހި ގޮތްތަކަކީ ކޮބައިތޯ ހޯދުމާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެންޑީއޭއިން ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި އެންޑީއޭގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ad