logo

ހަކުރުބަލި އަވަހަށް ދެނެގަނެ، ރަނގަޅު ފަރުވާ ލިބޭ ޤައުމަކަށް ރާއްޖެ ހަދަންޖެހޭ: ފަސްޓް ލޭޑީ

ދިޔާމާ އިބްރާހިމް
13 ގަޑިއިރު ކުރިން

ހަކުރުބަލި އަވަހަށް ދެނެގަނެ، ބަލި ތަހަންމަލުކުރާ ކޮންމެ މީހަކަށް ރަނގަޅު ފަރުވާ ލިބޭ ޤައުމަކަށް ރާއްޖެ ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

View post on Twitter

އެކަމަނާ ވިދާޅުވީ، ގިނަ ބަޔަކު ހަކުރު ބައްޔާއެކު އުޅުމަކީ ދިރިއުޅުމުގެ ކަންތައްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ސިއްހަތަށް ފައިދާހުރި ގޮތްތައް އިޚުތިޔާރުކުރުމާއި، މުޅި އުމުރަށް ފަރުވާ ކުރުންމަތީ ދެމިތިބުންކަމަށެވެ. އަނެއް ބަޔަކަށް އެއީ ނުރައްކާތެރި ސިއްހީ ހާލަތްތައް މެދުވެރިވާ އަދި ބައެއް ހާލަތްތަކުގައި ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމެއް ކަމަށް ވެސް އެކަމަނަ ވިދާޅުވިއެވެ.
މީގެ އިތުރުން މި ތަފާތު ތަޖުރިބާތައް ބަލައިގަންނަ ކަމަށާއި، ފުރާނަ ސަލާމަތްކުރުމަށް ޓަކައި ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ބަލީގައި ތަހަންމަލުކުރަންޖެހޭ ވޭން ކުޑަކުރުމަށް މަސައްކަތްކުރުމުގެ މުހިންމު ކަމަށްވެސް އެކަމަނާ ވަނީ އަލިއަޅުއްވާފައެވެ.
އަދި ކޮންމެ މީހަކުވެސް މި ބަލި ތަހަންމަލުކުރާ ގާތް މީހުންނަށް ފަރުވާއާއި، ޤަވާއިދުން ސްކްރީން ކުރުމަށް ހިތްވަރުދީ، ސިއްހަތަށް ފައިދާހުރި ގޮތްތައް އިޚްތިޔާރު ކުރުމަށް އެއްބާރުލުންދޭން ވާނެކަމަށާއި އެމަގުން ކުރެވޭ ކޮންމެ ކަމަކީވެސް ކޮށްދެވޭނެ މުހިންމު ކަމެއްކަމަށް ވެސް އެކަނާ ވިދާޅުވިއެވެ.


މި އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރަކީ "ހަކުރު ބަލިން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވަމާ" އެވެ. މި ޝިޔާރުގެ ދަށުން މުޅިރާއްޖޭގައި އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިެވެ.

މީގެ އިތުރުން، މިމަހުގެ 16 ވަނަ ދުވަހު "އާލީ އެކްޝަން އޮން ޑައިބެޓީސް" ގެ ނަމުގައި ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެޗްޕީއޭއާއި ނޭޝަނަލް ޑައިބެޓީސް ސެންޓަރާއި ގުޅިގެން ރ.އަތޮޅުގައި ހަކުރު ބައްޔަށް ސްކްރީން ކުރުމާއި ހޭލުންތެރި ކުރުމުގެ އައުޓްރީޗް ޕްރޮގްރާމް ތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ad