އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް ވިއްކާ ޑޮލަރު ދޫކުރާނެ 6 ގައުމެއް ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކަނޑައަޅައިފިއެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހީންނަށް މިއަދުން ފެށިގެން 1،000 ޑޮލަރު ވިއްކާނީ ދިވެހިން އާންމުކޮށް ސިއްހީ ފަރުވާއަށް ދަތުރުކުރާ ވަކި 6 ގައުމަކަށެވެ.
އެގޭ ތެރޭގައި، އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި މެލޭޝިޔާ އާއި، ސިންގަޕޫރުގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ހިމެނެއެވެ.
މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ ބޭސްފަރުވާއަށް ސަރުކާރުން ފޯރުކޮށްދޭ ބޭރު ފައިސާއަކީ ހަގީގަތުގައި ވެސް ސީދާ އެ ބޭނުމަށް ހަރަދުކުރެވޭ ފައިސާކަން ކަށަވަރުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށް ދޫކުރާ 2،000 ޑޮލަރު އެއްވެސް ބަދަލެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބެމުންދާނެ ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
އަދި މި މުއާމަލާތްތައް ކުރިއެކޭވެސް އެއްފަދައިން ކުރިޔަށް ގެންދާނީ ބޭންކުތައް މެދުވެރިކޮށް ކަމަށް ވެސް ބުނެފައިވެއެވެ.
އަމިއްލަ ގޮތުން ފަރުވާއަށްދާ މީހުންނަށް 1000 ޑޮލަރު ވިއްކުމުގެ އުސޫލު 2025 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ތަންފީޒުކުރަން ފެށުމާ ގުޅިގެން، ބޭސްފަރުވާއަށް ދޫކުރި ބޭރު ފައިސާގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މަރުކަޒީ ބޭންކުގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ބޭސްފަރުވާއަށް ޖުމްލަ 41.1 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ގުނަ ބޮޑު އިތުރުވުމެކެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ހަރަދުގައި ދާ ފަރާތްތަކަށް ވިއްކި ފައިސާއެވެ. އެގޮތުން ހަމައެކަނި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދިޔަ މީހުންނަށް މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް 29.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ.

