logo

ރަސްމާލެ މަޝްރޫއާ ހެދި އިސްލާމީވަންތަކަން ގެއްލިދާނެ: ކުރީގެ އިސްލާމިކް މިނިސްޓަރ ޒާހިރު

މަރްޔަމް
6 ގަޑިއިރު ކުރިން
ކުރީގެ އިސްލާމިކް މިނިސްޓަރ އަލީ ޒާހިރު

ކުރީގެ އިސްލާމިކް މިނިސްޓަރ އަލީ ޒާހިރު

ޒަޔަނިސްޓުންނާ ގުޅުން އޮންނަ މީހެއް ކަމަށްވާ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް އައްބާރުގެ ކުންފުންޏަށް ރަސްމާލެއިން ބިން ދީގެން ހިންގަން އުޅޭ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އޮތް ސައްތަ އިން ސައްތަ މުސްލިމުކަން ގެއްލިދާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އޭނަ ވިދާޅުވީ ރާއްޖޭގެ ޤާނޫނީ އަދި ދުސްތޫރީ ނިޒާމު އަތުރާލެވިފައި ވަނީ ސައްތަ އިން ސައްތަ މުސްލިމްކަން އެއީ ދައުލަތުގެ އެންމެ މުހިންމު އަސާސް ކަމަށެވެ. އަދި އެއީ ދިވެހި ދައުލަތުގެ ވުޖޫދާއި ސިޔާދަތާއި ރައްޔިތުކަމުގެ އަސާސާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ޤައުމެއްގެ ސަގާފީ އަދި ދީނީ ކަލްޗަރަލް ވެލިއުސް ޙިމާޔަތްކޮށް އެއަށް ރިޢާޔަތް ކުރުމަކީ ޑިމޮކްރަސީގެ އަސާސީ ސިފައެއް ކަމަށާއި ހުޅަނގުގެ ޑިމޮކްރެސީގައި ކަލްޗަރަލް ވެލިއުއަކީ "ސެކިއުލަރިޒަމް" ކަމަށެވެ. އަދި ދިވެހި ރާއްޖޭގައި ކަލްޗަރަލް ވެލިއުސް އަކީ މާތްވެގެންވާ އިސްލާމް ދީނަށްވާތީ ދީނާއި ސިޔާސަތަކީ ވަކި ނުކުރެވޭނެ ދެ ކަންތައް ކަމަށް ޒާހިރު ވިދާޅުވި އެވެ. އެއްޗެވެ.

އޭނަ ވިދާޅުވީ ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގެ ސިފަ ހިމާޔަތްކުރުމަކީ، ވަލިއްޔުލްއަމްރުގެ ބޮލުގައި އެޅިފައިވާ ދުސްތޫރީ އަދި ޤާނޫނީ ޒިންމާއެއް ކަމަށާއި އެސިފަ ގެއްލޭ ފަދަ ނުވަތަ އެކަމަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކުރުމަކީ، ދައުލަތުގެ އެއްވެސް ބާރަކަށް، އަދި ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް ދެވިފައިވާ ބާރެއް ނޫން ކަމަށެވެ.

"ޒައިނިސްޓު ޔަހޫދީންނާ ގާތް ގުޅުން އޮންނަ ފަރާތަކަށް، ނިމުމެއް ނެތް ދިގު މުއްދަތަށް ދިވެހި ބިން ކުއްޔަށް ދިނުމާއި، ވިއްކުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭރު މީހުން ވަޒަންވެރި ކުރުމަކީ، ދިވެހި ރާއްޖޭގައި އޮތް ސައްތަ އިން ސައްތަ މުސްލިމު ކަން ގެއްލިގެން ހިނގައިދާނެ ޢަމަލެއް،" ޒާހިރު ވިދާޅުވި އެވެ. "މިއީ އެކަމަށް ހުޅުވާލެވޭ ދޮރެއް. މިއީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ޤާނޫނާ ވެސް ޚިލާފު ޢަމަލެއް. ސަރުކާރަކުން ނުވަތަ މަޖިލީހުގެ އަޣުލަބިއްޔަތުން ބޭނުންވި ކަމުގައިވީ ނަމަވެސް، ރާއްޖޭގެ ދީނީ އައިޑެންޓިޓީ އަށް ބަދަލު އަންނަ ފަދަ އިޞްލާޙެއް ޤާނޫނުއަސާސީ އަށް ނުގެނެވޭނެ."

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވާ ޑރ ޒާހިރު ވިދާޅުވީ ރަސްމާލޭގެ މަޝްރު އާއި ނ. އަތޮޅުގައި ހިންގާ މަޝްރޫޢުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ވުޖޫދާއި، ސިޔާދަތާއި، ރައްޔިތުކަމުގެ އަސާސާ ސީދާ ގުޅިފައިވާ ކަމެއްގައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނޫނީ، ގޮތް ނިންމުމުގެ އިޚްތިޔާރެއް ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ގޮތް ނޭނގޭ ގޮތަށް، މި ހިންގޭ މަޝްރޫޢުތަކުގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަ ކޮށްދީ، ރައްޔިތުންގެ ބަހެއް ހޯއްދެވުމަށް އަވަހަށް ވަޑައިގަންނަވާ." ޑރ ޒާހިރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ދީނާއި ޤައުމާ ގުޅިފައިވާ މިފަދަ މައްސަލަތަކުގައި ޖަމާޢީ ގޮތެއްގައި އަޑު އުފުލައި ނުރުހުން ފާޅުކުރަން ޖެހޭ ކަމަށާއި ޖަމާޢީ ގޮތެއްގައި އަޑު ނުއުފުލޭ ޙާލަތުގައި ވެސް ފަރުދީ ޒިންމާ އަދާ ކުރަން ޖެހޭނެ ކަމަށެވެ.

ad