logo

އައިއައިސީއޭގެ ފުރަތަމަ އަހަރީ ފޯރަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެ

މަރްޔަމް
2 ގަޑިއިރު ކުރިން
އައިއައިސީއޭގެ ފޯރަމްގެ ތެރެއިން

އައިއައިސީއޭގެ ފޯރަމްގެ ތެރެއިން

ބޯޑަރު ހުރަސްކޮށް ހިންގާ ސްކޭމްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބޭއްވި "އިންޓަރނޭޝަނަލް އިންވެސްޓިގޭޓިވް ކޯޕަރޭޝަން އެލަޔަންސް" (އައިއައިސީއޭ) ގެ ފުރަތަމަ އަހަރީ ފޯރަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ.
މި ހިނގާ އޮކްޓޫބަރު މަހުގެ 21 އިން 23 އަށް ރިޕަބްލިކް އޮފް ކޮރެއާގެ އިންޗިއޮންގައި ކުރިއަށްދިޔަ މި ފޯރަމުގައި ދިވެހި ފުލުހުންގެ ފަރާތުން ތަމްސީލުކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) ޢާޞިމް ޢަބްދުﷲ އެވެ.
ކޮރެއަން ނޭޝަނަލް ޕޮލިސް އޭޖެންސީ (ކޭއެންޕީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި މި ފޯރަމުގެ މައިގަނޑު މަޤްޞަދަކީ އެކި ޤައުމުތަކުގެ ފުލުހުންނާއި ތަޙުޤީޤީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި، މިފަދަ ކުށްތައް ތަޙުޤީޤުކުރުމުގައި ތަޖުރިބާ ޙިއްޞާކުރުމެވެ. އަދި ޚާއްޞަކޮށް ޤައުމުތަކުގެ ސަރަޙައްދީ އިމުން ބޭރުން ޓެކްނޮލޮޖީގެ އެހީގައި ހިންގާ މަކަރާއި ޙީލަތުގެ (ސްކޭމް) މައްސަލަތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ އުޞޫލުތަކެއް އެކަށައެޅުމެވެ.
މި ފޯރަމުގެ ތެރެއިން އޭސީޕީ ޢާޞިމް ޢަބްދުﷲ ވަނީ އައިއައިސީއޭ ޤަރާރުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރައްވާފައެވެ. މި ޤަރާރުގައި ސޮއިކުރެއްވުމާ އެކު، ބޯޑަރު ހުރަސްކޮށް އިންތިޒާމުވެގެން ހިންގާ ކުށްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަމާއި، މިފަދަ ކަންކަމުގައި ދިވެހި ފުލުހުންގެ ފުރިހަމަ އެއްބާރުލުން އޮތްކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، މިފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމުތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްޔިތުންގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ad