logo

މުއްސަދިން އައިސް، ކައިރީގަ އުޅެގެން މުއްސަދިވާނެ ކަމަށް ހީކޮށް ދިވެހިންގެ ބިން ވިއްކާލަން އުޅުމަކީ ގޯހެއް: ޒިޔާދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
41 މިނިޓު ކުރިން

ރާއްޖެއަކި ތަރައްގީގެ ގޮތުން މިހިސާބަށް އާދެވުނު އިރު އެއްވެސް ބިމެއް ބޭރުބަޔަކަށް ވިއްކާނުލާ ތަރައްގިވެފައިވާ ގައުމެއް ކަމަށާއި، މިހެން މިކަން އޮއްވާ މުއްސަދިން އައިސް، ކައިރީގަ އުޅެގެން މުއްސަދިވާނެ ކަމަށް ހީކޮށް ދިވެހިންގެ ބިން ވިއްކާލަ އުޅުމަކީ ގޯހެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫއާއި ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހިގެ މެމްބަރުންނާއެކު ކުރިއަށްދިޔަ ބައްދަލުވުމުގައި ޒިޔާދު ވިދާޅުވީ އަވައްޓެރި އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެ އަކީ ރައްޖޭގެ އެއްވެސް ބިމެއް ވިއްކާ ނުލާ ތަރައްގީވަމުން އަންނަ ގައުމެއް ކަމަށާއި، އަދި ކުރިއަރާފައިވާ ގައުމެއް ކަމަށެވެ.

ރާއްޖެ އަކީ ނިސްބަތުން ކުރިއަރާފައިވާ ގައުމެއް ކަމަށާއި، ރަސްމާލެ އީގަލް ހިލްސް އަށް ދޭން ނިންމާއިރު މިހާރުވެސް ރާއްޖޭގައި ދުނިޔޭގެ ވަރަށް ބޮޑެތި އިންވެސްޓަރުން އެބަތިބި ކަމަށެވެ.

މީގެ ކުރިން ޒިޔާދު ވިދާޅުވީ ސަރުކާރުން ދޫކޮށްފައިވާ ފަޅުތަކަކީ އާދައިގެ ކަމެއްގެ ގޮތުގައި ދައްކަން އުޅޭ ކަމަށެވެ. އަދި ރިސޯޓުތަކުން ވިލާތައް ދިގު މުއްދަތަށް ވިއްކުމާއި، ރަށެއްގައި ބޭރު ބަޔަކު ދާއިމީ ގޮތެއްގައި ވަޒަންވެރިވެ ދިރިއުޅެން ދިނުމަކީ މުޅިން ތަފާތު ދެ ކޮންސެޕްޓެއް ކަމަށެވެ. އަދި އީގަލް ހިލްސް ކުންފުނީގެ އިއުލާނުތަކުން ފެންނަ ގޮތުގައި 99 އަހަރަށްފަހު ވެސް އެ މުއްދަތުގެ ނިމުމެއް ނެތް ގޮތަށް ކަންކަން ހަމަޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، ބޭރު ބަޔަކު ވަޒަންވެރިވެއްޖެނަމަ އެމީހުންގެ ހައްގުތައް ހޯދުމަށް އެ ގައުމުތަކުން މަސައްކަތްކުރުމުން ނުކުންނާނެ ނަތީޖާއާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ.

މީގެއިތުރުން ޒިޔާދު ވިދާޅުވީ، ރަސްމާލެއަކީ ދިވެހި ރައްޔިތުންގެ ސީދާ ފައިސާއިން ހިއްކި ރާއްޖޭގެ އެންމެ ބޮޑު ބިން ކަމަށްވާއިރު، އެ ބިމުގައި ބޭރުގެ ބަޔަކު ވަޒަންވެރިކުރުވުމަކީ މުސްތަގުބަލުގައި ހިތި ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށެވެ. އަދި މިފަދަ ބޮޑު ބިމެއް ބޭރުގެ ބަޔަކަށް ދޭއިރު ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެތަނުގައި ދިވެހިން ނޫން ބަޔަކު ވަޒަންވެރިވެ އުޅޭ މަންޒަރު ދެކެން ބޭނުންނުވާތީ އެކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

ad