މާލޭ ސިޓީ ކައުންސިލުން ދައުލަތާއި ހަވާލު ކުރަން ޖެހުނު ބިންތައް އަނބުރާ ހޯދުމަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.
ސިޓީ ކައުންސިލް ހުންނަ ބިންވެސް ހިމެނޭހެން ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ދައުލަތައް ނަގާފައިވަނީ މާލެ އަދި ވިލިމާލޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގުމަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި ނިންމުމާ ދެކޮޅަށް ކައުންސިލުން ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި އެ ބިންތައް އަތުލާފައި ވަނީ ގާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް މައްސަލަ ވެއްދުމަށް ނިންމާފައިވެ އެވެ.
މިގޮތުން މައްސަލައިގައި ކޯޓު އަމުރެއް ނެރެދިނުމަށް އެދުމަށާ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސްޕްރީމް ކޯޓަށް ހުށަހެޅުމަށް ވެސް މި ބައްދަލު ވުމުގައި ފާސް ކޮށްފައިވެއެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ބިންތަކަކީ ކައުންސިލް ހިންގުމަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށާއި ކައުންސިލްގެ ބަޖެޓް ތައްޔާރު ކުރަނީ އެ ބިންތަކުން ލިބޭ އާމްދަނީ ހިމަނައިގެންކަމަށެވެ.
އަދި ބިންތައް ދައުލަތައް ނަގާފައިވަނީ މާލޭގެ ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބޭނެ ޕްރޮޖެކްޓްތަކެއް ކައުންސިލުން ރާވާފައި ވަނިކޮށްކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

