ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ގާފަރު ކާރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލިގެން ގެއްލުނު ދެ މީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން މިހާތަނަށް ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ކޮޅުވެއްޓި އަޑިޔަށްދިޔަ ސަރަހައްދު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ޑައިވްކޮށްގެން ބަލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 08:48 އެހާކަންހާއިރުއެވެ. އެ ވަގުތު ކޮޅުވެއްޓީގައި ޖުމްލަ 10 މީހުން ތިއްބެވެ. އެއީ 2 ދިވެހިންނާއި 8 ބިދޭސީންނެވެ. މީގެ ތެރެއިން ގެއްލިގެން ހޯދަމުންދަނީ ދެ ބިދޭސީންނެވެ.
ހާދިސާގައި ސަލާމަތްވި 8 މީހުން ގާފަރަށް ގެންގޮސްފައިވާއިރު، އެ މީހުންގެ ހާލު ރަނގަޅު ކަމަށް ގާފަރު ކައުންސިލުން ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވެފައިވާ ވަގުތުގައެވެ.
އެނގިފައިވާ ގޮތުގައި އުޅަނދު ބަންޑުން ޖަހާލާފައިވަނީ ހޯކްސް ކުންފުނީގެ “ހޯކްސް ވޮޔޭޖާ“ އެވެ. އެ އުޅަނދު ބަންޑުން ޖަހާލާފައިވަނީ ދިޔަވަމުން ދަނިކޮށް ނެގި ރާޅަކާއެކު ކަމަށްވެއެވެ.

